ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުން ފެށި ހިޔާ މަޝްރޫއުގެ ދަށުން، ހުޅުމާލެ ދެވަނަ ފިޔަވަހިގައި އިމާރާތްކުރި 7000 ފްލެޓް މަޝްރޫއުން، ފްލެޓް ލިބުނުކަމަށް އިއުލާންކުރި ފްލެޓް ލިސްޓުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަ ކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފްލެޓް ކޮމިޓީއަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، 7000 ފްލެޓް މަޝްރޫއުން ފްލެޓް ދިން ގޮތާއި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫގައި ހިމެނޭ ކަންތައްތަކާ ބެހޭ ގޮތުން، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗާ މުހައްމަދު އަސްލަމާ، މަޖިލިސް މެންބަރަކު ކުރެއްވި ސުވާލުތަކަށް މިނިސްޓަރު ދެއްވި ޖަވާބާ ގުޅިގެން ވާހަކަފުޅުދައްކަވަމުން މަޖިލިސް ރައީސް ވަނީ ކޮމެޓީގެ މަސްއޫލިއްޔަތުތަކާ މެދުވެސް ސުވާލު އުފައްދަވައިފައެވެ.

ފުލެޓް ލިސްޓުގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން މަޖިލިސް ރައީސް އެންމެ ބޮޑަށް ފާހަގަ ކުރެއްވީ ސިވިލް ސާވިސް ކެޓެގަރީން އެމަނިކުފާނަށް ފާހަގަ ކުރެއްވޭ ކަންތައްތަކެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ސިވިލްސާވިސް ކެޓެގަރީގެ ލިސްޓުން އެތައް ބައިވަރު ބޭއިންސާފެއް ފެނިގެންދާ ކަމަށެވެ. އެ ކެޓެގަރީން ޕޮއިންޓް ދީފައި ވަނީ، އެހެން ކެޓެރަގަރީ ތަކުން، ދިރިއުޅުމުގެ ހާލަތު ވަޒަން ކުރުމުގެ އުސޫލާ ހިލާފަށް ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެކަމުގެ ސަބަބުން އިތުރު ގެއާއި އިތުރު ފްލެޓް ލިބިފައިވާ މީހުންނާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅު މީހުން އެ ލިސްޓުގައި ހިމެނިފައިވާ ކަމަށެވެ.

އެކަންކަމާ ގުޅިގެން މަޖިލިސް ރައީސް ވަނީ އެ މައްސަލަތައް ބެލުމަށް، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިިޓީއާ ހަވާލު ކުރައްވައިފައެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ފްލެޓް މައްސަލަ ބޮޑުވެ ޝަކުވާ ހުށަހެޅުމަށް މަޖިލީހުން ހުޅުވައިލި ފުރުސަތުގައި ފްލެޓް ދީފައިވާ ހުރިހާ ކެޓަގަރީއަކުން 115 ފަރާތަކުން ޝަކުވާގެ ސިޓީ ފޮނުވާފައިވާ ކަމަށެވެ.

އެ މައްސަލަތައް ބަލައި ފްލެޓް ލިސްޓުގައިވާ މީހުންނަށް ފްލެޓް ހައްގު ވޭތޯ މަޖިލީހުން ބަލައި، ވަކިވަކިން އެކަމާބެހޭ ތަފްސީލުތަކާއި، އެކަމުގައި މަޖިލީހަށް ފެންނަ ގޮތް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓަރު، މުހައްމަދު އަސްލަމަށް އަރުވާނެ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެެވެ.

ފްލެޓް ކޮމެޓީން ކުރި މަސައްކަތްތަކާ މެދުވެސް މަޖިލިސް ރައީސް ވަނީ ސުވާލު އުފައްދަވައިފައެވެ.

އެމަނިކުފާނު ވިދާޅުވީ ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް ފްލެޓް ކޮމިޓީއަށް ނުނެރެވޭނެ ކަމަށެވެ. އެއީ އެ ކޮމެޓީގެ މެއިންޑޭޓެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ތަފްސީލު ދެއްވަމުން މަޖިލިސް ރައީސް ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، 11 ޑިސެމްބަރު 2018 ގައި ފްލެޓް ކޮމިޓީ އިއުލާން ކުރެއްވީ އެ ކޮމެޓީގެ މަގުސަދުތަކާ އެކުގައި ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ، ސަރުކާރުގެ ގެދޮރުވެރި ކުރުމުގެ މަޝްރޫއުގެ ދަށުން ފްލެޓްތައް ދޫކޮށްފައި ވަނީ، އުސޫލުން ބޭރުން ކަމަށް ބުނެ ސަރުކާރަށް ލިބެމުންދާ ޝަކުވާތައް ދިރާސާކޮށް އެކަންކަމާމެދު އަމަލު ކުރާނެ ގޮތެއްގެ ލަފާ ރައީސަށް އެރުވުން ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ކޮމެޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނެނީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ލިސްޓުތައް އަލުން ރިވިއުކޮށް ޕޮއިންޓް ދީފައިވަނީ އުސޫލާ އެއްގޮތަށްތޯ ބަލައި ކަށަވަރު ކުރުމާއި ފްލެޓްތައް ދިނުމަށް އުސޫލުން ބޭރުން ކަންކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި ފަރާތްތައް ހޯދައި އެ ފަރާތްތަކާ މެދު އަމަލު ކުރާނެ ގޮތުގެ ލަފާ ރައީސުލްޖުމްހޫރިއްޔާއަށް އެރުވުން ކަމަށްވެސް ވިދާޅުވިއެވެ.

ދެން ކޮމެޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނެނީ، ހިޔާ މަޝްރޫއާއި ގެދޮރުވެރި ކުރުމުގެ މަޝްރޫއާއި ގުޅިފަޅު ހައުސިން ޕްރޮޖެކްޓްގެ ދަށުން ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތް ރިވިއުކޮށް ފްލެޓް ހައްގުވާ ފަރާތްތަކަށް، އެންމެ އިންސާފުވެރިކޮށް ފްލެޓް ކަށަވަރު ކޮށްދިނުމުގައި ރައީސަށް ލަފާ އެރުވުން ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް މަޖިލިސް ރައީސް ވިދާޅުވީ ފްލެޓް ލިބޭނެ ފަރާތްތައް ކަނޑައެޅުމަކީ ކޮމެޓީގެ ޒިންމާއެއް ނޫން ކަމަށާއި އެއީ ވަޒީރުގެ ޒިންމާއެއް ކަމަށެވެ.

އެހެންކަމުން ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓެއް ފްލެޓް ކޮމިޓީއަށް ނުނެރެވޭނެ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.