ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުން ފެއްޓެވި 7000 ހައުސިން ޔުނިޓް މަޝްރޫއުން، ފްލެޓް ދީފައިވާ ގޮތް ބެލުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވައިލެއްވި ފްލެޓް، ކޮމިޓީ އަށް އެ މަޝްރޫއުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް ނުނެރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެެވެ.

ރައްޔތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިޔާ މަޝްރޫއުން ދީފައިވާ ފްލެޓްތައް ހަވާލު ކުރުމާބެހޭގޮތުން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗާ މުހައްމަދު އަސްލަމާ މެންބަރަކު ކުރެއްވި ސުވާލަކަށް މެންބަރު ދެއްވި ޖަވާބާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، 11 ޑިސެމްބަރު 2018 ގައި ފްލެޓް ކޮމިޓީ އިއުލާން ކުރެއްވީ އެ ކޮމެޓީގެ މަގުސަދުތަކާ އެކުގައި ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ، ސަރުކާރުގެ ގެދޮރުވެރި ކުރުމުގެ މަޝްރޫއުގެ ދަށުން ފްލެޓްތައް ދޫކޮށްފައި ވަނީ، އުސޫލުން ބޭރުން ކަމަށް ބުނެ ސަރުކާރަށް ލިބެމުންދާ ޝަކުވާތައް ދިރާސާކޮށް އެކަންކަމާމެދު އަމަލު ކުރާނެ ގޮތެއްގެ ލަފާ ރައީސަށް އެރުވުން ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ކޮމެޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނެނީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ލިސްޓުތައް އަލުން ރިވިއުކޮށް ޕޮއިންޓް ދީފައިވަނީ އުސޫލާ އެއްގޮތަށްތޯ ބަލައި ކަށަވަރު ކުރުމާއި ފްލެޓްތައް ދިނުމަށް އުސޫލުން ބޭރުން ކަންކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި ފަރާތްތައް ހޯދައި އެ ފަރާތްތަކާ މެދު އަމަލު ކުރާނެ ގޮތުގެ ލަފާ ރައީސުލްޖުމްހޫރިއްޔާއަށް އެރުވުން ކަމަށްވެސް ވިދާޅުވިއެވެ.

ދެން ކޮމެޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނެނީ، ހިޔާ މަޝްރޫއާއި ގެދޮރުވެރި ކުރުމުގެ މަޝްރޫއާއި، ގުޅިފަޅު ހައުސިން ޕްރޮޖެކްޓްގެ ދަށުން ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތް ރިވިއުކޮށް ފްލެޓް ހައްގުވާ ފަރާތްތަކަށް، އެންމެ އިންސާފުވެރިކޮށް ފްލެޓް ކަށަވަރު ކޮށްދިނުމުގައި ރައީސަށް ލަފާ އެރުވުން ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް މަޖިލިސް ރައީސް ވިދާޅުވީ، ފްލެޓް ލިބޭނެ ފަރާތްތައް ކަނޑައެޅުމަކީ ކޮމެޓީގެ ޒިންމާއެއް ނޫން ކަމަށާއި، އެއީ ވަޒީރުގެ ޒިންމާއެއް ކަމަށެވެ.

އެހެންކަމުން ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓެއް ފްލެޓް ކޮމިޓީއަށް ނުނެރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.