މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް އިތުރު ބިމެއްގެ ވިސްނުން ސަރުކާރުން އެބަ ގެންގުޅުއްވާ ކަމަށާއި، ނަމަވެސް އެކަން އިއުލާން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗާ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ، ހިޔާ މަޝްރޫއުން ފްލެޓު ދީފައިވާ ގޮތާއި، މާލޭ ރައްޔިތުންނަށް ގޯތި ދިނުމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އަސްލަމް ވިދާޅުވީ ގޯތި ދޫކުރުމާ ބެހޭ ގޮތުން މިދިޔަ ހަފުތާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދެއްކެވި ވާހަކަފުޅަކީ ގުޅިފަޅުން ދޭން ނިންމާފައިވާ ގޯތީގެ ވާހަކަ ނޫން ކަމަށެވެ، ނަމަވެސް އެއީ އާ މަޝްރޫއެއް ކަމަށާއި، އެ މަޝްރޫއު އިއުލާނު ކުރައްވާނީ ސީދާ ރައީސުލްޖުމްހޫރިއްޔާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އެ މަޝްރޫއު އަދި އިއުލާން ނުކުރައްވަނީ އެ މަސައްކަތަށް ބޭނުންވާ ކަންތައްތައް އިއުލާން ކުރަން ޖެހޭ ހިސާބަށް އެ މަސައްކަތް ކުރިއަށް ނުދާތީ ކަމަށެވެ.

"އިތުރު ބިމެއްގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ. އެ ބިމާ އެކީގައި އިތުރު ގޯތީގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ އަސްލު،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

އީވާގެ ސުވާލަށް އަސްލަމް ދެވި ޖަވާބާ ގުޅިގެން މަޖިލިސް ރައީސް އެކަން ތަފްސީލު ކޮށްދެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެ ބިން ހިއްކަން ބޭނުންވާ ލޯނު އައިއެންޖީ ބޭންކުން ނެގުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމުގެ މައުލުމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

އެލޯނު ލިބުނުހާ އަވަހަކަށް އެތަން ހިއްކާނެ ކަމަށާއި ހިއްކިހާ އަވަހަކަށް އެތަނުން ބިން ކަނޑާފައި ދޭނެ ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

"އެމީހަކަށް އެނގި ހުރި އެއްޗެއް މިތަނުގައި ސާފުކޮށްދިނުމަކީ ބޭނުންތެރިކަމެއް، އެތަން ހިއްކުމަށްޓަކާ ބޭނުންވާ ލޯނު އަޅުގަނޑަށް މައުލޫމާތު ލިބިފަ އޮތީ، އެ ލޯނު އައިއެންޖީ ބޭންކުން ނެގުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދަނީ، އެ ލޯނު ލިބުނުހާ އަވަހަކަށް އެތަން ހިއްކާނެ ކަމަށް ވަނީ، ހިއްކުނީމަ ބިން ކަނޑާފަ އިރާދަ ކުރެއްވިއްޔާ ދެވޭނެ ކަމަށް ވަނީ،" އެމަނިކުފާނު ވިދާޅުވިއެވެ.

އައިއެންޖީ ބޭންކަކީ ނެދަލޭންޑްސްގެ ބޭންކެކެވެ.