ކުރިއަށް ހުރި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލާން ހުޅުވާލާނީ، ވަޒީފާ އަށާއި ޕްރޮފެޝަން، އަދި އުމުރަށް ބަލައިގެން ނޫން ކަމަށާއި ހަމައެކަނި ހާލަތަށް ބަލައިގެން ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗާ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ހިޔާ ފްލެޓްގެ 7000 ފްލެޓުން ފްލެޓް ނުލިބުނު މާލޭގެ ރައްޔިތުންގެ ތެރެއިން އެންމެ ބޮޑަށް ބޯހިޔާވަހިކަން ބޭނުން ވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް، ސަރުކާރުން ގެންގުޅޭ ސިޔާސަތާ ބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ހާލަތު ބަލައި ސަރުކާރުން ބޯހިޔާވަހިކަން ދޭނެ ހަތަރު ކެޓަގަރީއެއް އެކުލަވާލާފައިވާ ކަމަށެވެ.
އެ ހަަތަރު ކެޓަގަރީގައި ހިމެނެނީ، ކައުންސިލް ކެޓަގަރީ (ފަގީރުން) އެފޯޑަބަލް ކެޓަގަރީ އަދި މިޑްލް އިންކަމް ކެޓަގަރީގެ އިތުރުން ކޮންމެ އަގެއްގައިވެސް ބޯހިޔާވަހިކަން ހޯދޭ ވަރަށް އާމްދަނީ ލިބޭ ކެޓެގަރީ ކަމަށެވެ.
ކައުންސިލް ކެޓަގަރީ އަކީ ބޮލަކަށް މަހަކު 74 ރުފިޔާ ނުޖެހޭ ކޮންމެ އާއިލާއެއް ކަމަށާއި، އެގޮތުން، 17،000 އަށްވުރެ މަތިން ނުލިބޭ ފަސް މީހުންގެ އާއިލާއަކީ އެފަދަ އާއިލާއެއް ކަމަށާއި، މަހަކު 17،000 އާއި 32،000 އާ ދެމެދު ލިބޭ އާއިލާއަކީ އެފޯޑަބަލް ކެޓަގަރީ ކަމަށާއި، 32،000 އާއި 61،000 އާދެމެދުގެ އާމްދަނީ ލިބޭ އާއިލާތަކަކީ މިޑްލް އިންކަމްގެ ކެޓަރީކަމަށްވެސް ވިދާޅުވިއެވެ.
އޭގެ ތެރެއިން ކައުންސިލް (ފަގީރުން) ކެޓަގަރީ ގައި 3000 އާއިލާ ހިމެނޭ ކަމަށާއި، އެފޯޑަބަލް ކެޓަގަރީ ގައި 5700 އާއިލާ ހިމެނޭ ކަމަށާއި، އަދި މިޑްލް އިންކަމް ކެޓަގަރީގައި 5500 އާއިލާ ހިމެނޭ ކަމަށާއި، އޭގެ މަތީ ކެޓަގަރީ، (މާކެޓްގައި ހުރި އަގަށް ބޯހިޔާވަހިކަން ހޯދޭވަރުގެ) ގައި 3100 އާއިލާ ހިމެނޭ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
އޭގެ ތެރެއިން ކައުންސިލް ކެޓަގަރީގައި ހިމެނޭ އާއިލާތަކަށް ދޭ ކައުންސިލް ހައުސިންއަށް ދައްކަން ޖެހޭނީ، މަހަކު 6000 ރުފިޔާ، ކަމަށާއި އެފޯޑަބްލް ކެޓަގަރީން ދިގު މުއްދަތަށް މިލްކުވާ ގޮތަށް ދައްކަން ޖެހޭނީ މަހަކު 7000 އާއި 13،000 ދޭތެރޭގެ އަދަދެއް ކަމަށާއި، މިޑްލް އިންކަމްއަށް ދައްކަން ޖެހޭނީ، 12،000 އާއި 23،000 އާ ދޭތެރޭގެ އަދަދެއް ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ، ދެން އޮންނަ ބޯހިޔާވަހި ކަމުގެ ޕްރޮޖެކްޓްތަކަށް، މީހުން ކުރިމަތިލާން ހުށަހަޅާ ފޯމުގައި ހިމަނަން ޖެހޭ މައުލޫމާތާއި އިވެލުއޭޓް ކުރާނެ ގޮތް ތައްޔާރުކޮށް ކެބިނެޓަށް އިއްޔެ ހުށަހަޅުއްވާފައިވާ ކަމަށެވެ
އެކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލާއި މާލޭގެ މަޖިލިސް މެންބަރުންނާއި މަޝްވަރާކޮށްގެން އެކަންތައްތައް ހަމަޖެއްސުމަށް، ރައީސުލް ޖުމްހޫރިއްޔާ 5 މެންބަރުން ހިމެނިވަޑައިގަންނަވާ ވަޒީރުންގެ ކޮމިޓީއެއް އުފައްދަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ އެކަން ފައިނަލްކޮށް އަންނަ އޭޕްރީލް މަހުގެ ފުރަތަމަ ހަފުތާއި ބާއްވާ ކެބިނެޓް ބައްދަލުވުމަށް އެކަން ހުށަހެޅުއްވުމަށް ރައީސް އަންގަވާފައިވާ ކަމަށެވެ.
މުޙައްމަދު އަސްލަމް
މުޙައްމަދު އަސްލަމް
މުޙައްމަދު އަސްލަމް