ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރެއިން ހައިރިސްކް 100 މީހަކު އައިސޮލޭޝަން ފެސިލިޓީތަކަށް ދާން ދެކޮޅު ހަދަމުންދާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
އެޗްއީއޯސީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި މޮނީޓަރިން ކްލަސްޓާގެ ފަރާތުން ސަނާ ސަލީމް ވިދާޅުވީ ހޯމް އައިސޮލޭޝަންގައި މިވަގުތު 1516 މީހަކު އެބަތިބި ކަމަަށާއި އޭގެ ތެރެއިން 1400 މީހުންނަކީ ހޯމް އައިސޮލޭޝަންގައި ތިބުމުގެ ޝަރުތު ފުރިހަމަ ވާ މީހުން ކަމަށެވެ.
ސަނާ ވިދާޅުވީ ފެސިލިޓީތަކަށް ދާން ދެކޮޅު ހަދާ މީހުންވެސް ހޯމް އައިސޮލޭޝަންގައި އެބަތިބި ކަމަށާއި އޭގެ ތެރޭގައި ހައި ރިސްކް 100 މީހުންވެސް ހިމެނޭ ކަމަށެވެ. އަދި ސީރިއަސް ނޫން މީހުންގެ ތެރެއިން ފެސިލިޓީތަކަށް ދާން ބޭނުން ނުވާ 11 މީހަކުވެސް ހޯމް އައިސޮލޭޝަންގައި އެބަތިބި ކަމަށް ވިދާޅުވިއެވެ.
"ގޭގައި ތިބި ބައެއް މީހުންގެ ތެރޭ އެބަތިބި ހައިރިސްކު ވީނަމަވެސް، ފެސިލިޓީ އަށް ދާން ރިފިއުސް ކޮށްފަ ގޭގައި ތިބި މީހުން. އެގޮތުން މިދިޔަ 14 ދުވަހަށް ބަލާއިރު ހައިރިސްކު 100 ބޭފުޅުން އެބަތިއްބެވި ރިފިއުސް ކޮށްފައި ގޭގައި. ދެން އަދި ރޫޓީން ކޭސްތަކުގެ ތެރޭގައި އިމަޖެންސީ ހާލަތެއް ދިމާ ނުވި ނަމަވެސް ފެސިލިޓީ އަކަށް ދާން ބޭނުން ނުވާ ބޭފުޅުންގެ ތެރޭގައި 11 ބޭފުޅުން އެބަތިއްބެވި،" ސަނާ ވިދާޅުވިއެވެ.
ސަނާ ވިދާޅުވީ ހޯމް އައިސޮލޭޝަންގައި ތިބޭ މީހުންނަށް ގުޅައި ކޮންމެ ދުވަހަކުވެސް އެމީހުންގެ ހާލު އޮޅުންފިލުވުމުގެ މަސައްކަތް ކުރާ ކަމަށެވެ. އަދި ކެއާ ޓެގް އަޅުވާފައިވާ 350 ޕޭޝަންޓަކުވެސް މޮނިޓާ ކުރަމުން ގެންދާ ކަމަށާއި ކެއާ ޓެގްގައި ތިބި ބައެއް މީހުން ފެސިލިޓީތަކުގަ އާއި ގޭގައިވެސް އެބަތިބި ކަމަށް އޭނާ ވިދާޅުވިއެވެ.
"ކެއާ ޓެގޭ މިބުނަނީ 65 އަހަރުން މަތީގެ ބޭފުޅުންނާއި 10 އަހަރުން ދަށުގެ ކުޑަކުދިން އަދި އެއްވެސް ކަހަލަ ދާއިމީ ބައްޔަކަށް ބޭސް ފަރުވާ ކުރާ ނަމަ އެ ބޭފުޅުން،" ސަނާ ވިދާޅުވިއެވެ.
ސަނާ ވިދާޅުވީ ކެއާ ޓެގް އަޅުވާފައިވާ މީހުންގެ ހާލަތު ކޮންމެ ދުވަހަކުވެސް ބަލަމުން އަންނަ ކަމަށާއި ހާލު ބަލަން ގުޅާއިރު ޕޭޝަންޓުގެ ފަރާތުން މައްސަލައެއް ހުށަހަޅައިފިނަމަ އެކަން ހައްލު ކޮށްދިނުމަށް މަސައްކަތް ކުރާ ކަމަށެވެ. އަދި ވިދާޅުވީ ކޮވިޑްގެ އަލާމާތްތައް ކޮންމެ ގަޑިއެއްގައިވެސް ސީރިއަސް ވެދާނެ ކަމަށާއި އެކަންކަމަށް ސަމާލުވާން އެދިވަޑައިގަންނަވާ ކަމަށެވެ.