ކުށުގެ ތުހުމަތުގަ އާއި އެކި އެކި ހުކުމްތަކުގައި ތިބި ހުރިހާ ފަރާތެއް ހޯދައި އެމީހުންގެ ކުށަކީ ކޮބައިތޯ އާއި ހުކުމަކީ ކޮބައިތޯ ބަލައި އޭގެ ތެރެއިން ހުކުމް ލުއިކޮށްދޭނީ ކޮންބައެއްގެތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް އަންގަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުގެ ގޮތުން ވާހަކަފުޅުދައްކަވަމުން، މަޖިލިސް ރައީސް ވިދާޅުވީ، މަޖިލީހަށް ލިބޭ ސިޓީތަކުގެ ތެރެއިން އެންމެ ގިނައިން ލިބޭ އެއްބާވަތެއްގެ ސިޓީއަކީ ފްލެޓްގެ މައްސަލަތަކާބެހޭ ސިޓީތައް ކަމަށެވެ.

ދެން އެންމެ ގިނައިން ލިބޭ އެއްބާވަތުގެ ސިޓީތަކަކީ ޖަލުގައި ތިބޭ އެކި އެކި ގައިދީންގެ ސިޓީތައް ކަމަށާއި، އެމީހުން ސިޓި ފޮނުވަނީ، އަދަބު ލުއިކޮށްދިނުމާއި މައާފު ކޮށްދިނުމާއި ގުޅޭގޮތުން ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން މައާފު ކޮށްދިނުމާއި އަދަަބު ލުއި ކޮށްދިނުމަށް އެދި އިލްތިމާސް ހުށަހަޅާފޯމު ހުށަހެޅުމަށްފަހު ޖަވާބު ނުލިބި ލަސްވަމުންދާކަން ފާހަގަކޮށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައިވާ ސިޓީތައް އެ ކޮމިޓީން ދިރާސާކޮށް މަޖިލިސް ތަޅުމަށް ފޮނުވުމުން އެމައްސަލަތަކުގައި ކަންކުރާންވީ ގޮތް މަޖިލިސް ތަޅުމުން ފާސްކޮށް، ކަމާބެހޭ އިދާރާތަކަށާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

"އެ މައްސަލައިގައި ކޮމިޓީން ފާހަގަކޮށްފައިވާ ކަންކަމާއި ހުށަހަޅާފައިވާ ކަންކަން ސިޓީއަކުން ވަނީ، ކަމާ ގުޅޭ އިދާރާތަކުގަ އާއި ރައީސް އޮފީހުގައި ދަންނަވާފަ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

ނަމަވެސް އެކަންކަމަށް އަދިވެސް އަމަލީ ސިފައެއް އަންނަމުން ނުދާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން "މިވަގުތު ކޮމެޓީން ހިންގަން ޖެހޭ އެންމެ މުހިއްމު މަސައްކަތަކީ ޖަލުގައި ނުވަތަ ހުކުމްގައި ތިއްބެވި ހުރިހާ ފަރާތެއް ހޯއްދަވައި، ހުރިހާ މީހުން ބައްލަވައި އެމީހުންގެ ކުށަކީ ކޮބައިތޯ، ހުކުމަކީ ކޮބައިތޯ، ވަނަވަރަކީ ކޮބައިތޯ، އަފުވާމަށް އެދިފައިވާ އިރަކީ ކޮބައިތޯ، އަދަބު ލުއިކޮށްދެވެން އެބައޮތްތޯ، މިކަންކަން ޖުޑީޝަރީ ކޮމިޓީން އޭގެ އެންމެ ފުންމިނަށް ދިރާސާކުރުން،" ކަމަށް ވިދާޅުވިއެވެ.

އެގޮތަށް ތިބި އެންމެ ފަހުމީހާއާ ޖެހެންދެން އެ މައުލޫމާތު ހޯއްދަވައި ވެގެން އުޅޭ ގޮތެއް ބެލުމަށްފަހު އެފަރާތްކާ މެދު ކޮމެޓީ އާއި މަޖިލީހުން އަމަލުކުރަން ފެން ގޮތް ސަރުކާރަށް ހުށަހަޅަން ޖެހޭ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.