ރިޕޯޓް

އެންމެ ގިނަ ކެންޑިޑޭޓުން، އެންމެ ބޮޑު ބަޖެޓު، އެންމެ ބޮޑު އިންތިހާބު، އަދިވެސް ޖެހޭނީ ފަސްކުރަންބާ؟

އިބްރާހިމް ޒަކީ

ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގައި ބުނާ ގޮތުން، ކައުންސިލްގެ އިންތިހާބު ބާއްވަން ޖެހެނީ ހުސްވި 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.

ނަމަވެސް ކޮވިޑް 19 ގެ ސަބަބުން ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބު އެމަހުގެ 18 އަށް ފަސްކޮށްގެންވެސް އިންތިހާބެއް ނުބޭއްވުނެވެ. އެއީ ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުންނެވެ.

އެހާހިސާބުން އިންތިހާބު ފަސް ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާ ގާނޫނީ ބާރުގެ މުއްދަތު ހަމަވުމާއި ގުޅިގެން، އިންތިހާބު ކުރިއަށްގެންދާނެ ދުވަސްވަރެއް ދެން ކަނޑައަޅަން ޖެހުނީ ގާނޫނަކުންނެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020" ހުށަހަޅައި ފާސްކުރިއެވެ.

އެ ބިލުގައި ބުނެފައި ވަނީ ކައުންސިލް އިންތިހާބު ބޭއްވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ދެން ފަށަން ޖެހޭނީ އިންތިހާބާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމަކީ އާއްމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް، ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުން ކަމަށެވެ. ނަމަވެސް އެ ގާނޫނަށް އަމަލު ކުރަން ފަށާތާ އަހަރު ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެ ކަމަށްވެސް ގާނޫނުގައި ބުނެފައިވެއެވެ.

އެ ގާނޫނަށް އަމަލު ކުރަން ފެށީ، 2020 ވަނަ އަހަރުގެ މެއި މަހުގެ 10 ގައެވެ. އެހެން ކަމުން އެ ގާނޫނަށް އަމަލުކުރާ ނަމަ މިއަހަރުގެ މެއި މަހުގެ 10 ގެކުރިން އިންތިހާބު ބާއްވައި ނިންމަން ޖެހޭނެ އެވެ. އަނެއްކޮޅުން، އިންތިހާބު ލަސް ވުމުގެ ސަބަބުން، މުއްދަތު ހަމަވާ ކައުންސިލަރުންނަށްވެސް ގޮތެއް ހޯދައިދޭން ޖެހުނެވެ. އެ ކައުންސިލަރުންގެ މުއްދަތު ހަމަވާން 24 ގަޑިއިރަށް ވެފައި ވަނިކޮށް، އިންތިހާބު ބާއްވައި އާ ކައުންސިލަރުން މަގާމާ ހަވާލުވަންދެން މިހާރު ތިބި ކައުންސިރުން މަގާމުތަކުގައި ތިބޭގޮތަށް، ގާނޫނުއަސާސީއަށް ސަރުކާރުން އިސްލާހު ހުށަހަޅައި މަޖިލީހުން ފާސްކުރިއެވެ. އެއީ މިދިޔަ އަހަރުގެ ޖޫން މަހުގެ ދޭއްގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރު ދަންމާލައިގެންނާއި ދައުރުން ބޭރުން ޖަލްސާތައް ބާއްވައިގެން، އެ ހުރިހާ މަސައްކަތްތަކެއް ކުރި ނަމަވެސް މިއަހަރުގެ ޖެނުއަރީމަހާ ކުރިމަތިލީވެސް ކުއްލި ނުރައްކަލުގެ ހާލަތާ އެކުގައެވެ. އަދި ކޮވިޑްގެ ހާލަތު ކޮންމެވެސް ވަރަކަށް މައިތިރި ވުމަށްފަހު، ކޮވިޑްގެ އާ ވޭރިއަންޓާއެކު ކޮވިޑްގެ ނުރައްކާ އިތުރުވާން ފެށިއެވެ. ކައުންސިލް އިންތިހާބަށް ކުރިމަތިލެއްވި ކެނޑިޑޭޓުންނަށް އެކަމާ ގުޅިގެން ދިމާވަމުންދިޔަ އެކިއެކި މައްސަލަތަކާ ގުޅިގެން، އިންތިހާބު އިތުރަށް އަވަސް ކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް އިންތިހާބު ބޭއްވޭނެ ގޮތެއް ހަދަން ޖެހުނެވެ.

އެހެންކަމުން އަނެއްކާވެސް ޖެހުނީ ގާނޫނު އިސްލާހު ކުރާށެވެ.

އެ ފަހަރު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ލޯކަލް ކައުންސިލް އިންތިހާބު ބޭއްވޭނެ ގޮތަށް، "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020" ހާއްސަ ގާނޫނަށް އިސްލާހު ގެނައެވެ. އެއީ ހުސްވި ޖެނުއަރީ މަހުގެ 19 ގައެވެ. މި ފަހަރު ގެނައި އިސްލާހުގައި، އިންތިހާބު އަވަހަށް ބޭވުމަށް ބާރު އެޅުމުގެ ގޮތުން ކަންތައްތަކެއް ހިމެނިއެވެ.

އެގޮތުން އެ ގާނޫނަށް އަމަލު ކުރަން ފަށާތާ ހަތް ދުވަހުގެ ތެރޭގައި އަލުން އިންތިހާބު ބޭއްވުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފަށަން ޖެހޭނެ ކަމަށް ހިމެނިއެވެ. އަދި އަންނަ މެއި މަހުގެ 10ގެ ކުރިން އިިންތިހާބު ބޭއްވުމަށް ހުރަސް އެޅޭ ފަދަ އެއްވެސް ހާލަތެއް މެދުވެރިވެއްޖެ ނަމަ 30 ދުވަހުގެ ކުރިން ސަބަބު ބަޔާންކޮށް އީސީން އެކަން މަޖިލީހަށް އަންގަންވާނެ ކަމަށްވެސް ކަނޑައެޅިއެވެ.

އެ އިސްލާހުން ގެނައި އެންމެ ބޮޑު ބަދަލަކީ މިހާރު މިއޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އިންތިހާބު ބޭއްވޭނީ އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތަކާ އެއްްގޮތްވާ ގޮތުގެ މަތިންކަމަށް ކަނޑައެޅުމެވެ.

އެ ގާނޫނަށް އަމަލު ކުރަން ފެށީ ހުސްވި ޖެނުއަރީމަހުގެ 21 އިން ފެށީގެންނެވެ. އެހެންކަމުން ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ކައުންސިލް އިންތިހާބު ބާއްވާނީ، އަންނަ އޭޕްރީލް މަހުގެ 10 ގައި ކަމަށް ކަނޑައަޅައި އީސީން އިންތިހާބުގެ ތައްޔާރީ މަސައްކަތްތައް ފެށިއެވެ.

ނަމަވެސް އަދިވެސް އިންތިހާބު ބޭއްވުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ދަތިތަކެއް ކުޑައެއް ނޫނެވެ.

އެކަމަށް ދިމާވެފައިވާ އެންމެބޮޑު އެއް ގޮންޖެހުމަކީ، ގާނޫނުގައި ބުނެފައިވާ ގޮތަށް މިހާރު މިއޮތް ކުއްލި ނުރައްކަލުގެ ހާލަތުގައި އިންތިހާބު ބޭއްވުމަށް ޓަކައި އަޅަން ޖެހޭ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ކަނޑައަޅައި ނެރެފައިވާ އެޗްޕީއޭގެ ގައިޑްލައިނެވެ. މީގެ އިތުރުން އެ ގައިޑްލައިނުގައި ބުނާގޮތަށް ރައްކާތެރިކަމާއެކު ބާއްވަން ކުރަން ޖެހޭ ކަންތައްތައް ކުރުމަށްޓަކައި ބޭނުންވާ ބަޖެޓް އަދިވެސް ނުލިބިވާ މައްސަލައަކީވެސް ކުޑަ މައްސަލައެއް ނޫނެވެ.

ކައުންސިލް އިންތިހާބުގެ ގާނޫނުގައި ބުނެފައިވާ ތާރީހު (4 އޭޕްރީލް 2020) ގައި އިންތިހާބު ބޭއްވުމަށް 51 މިލިޔަން ރުފިޔާގެ ބަޖެޓެއް ވަނީ ދީފައެވެ. ނަމަވެސް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އިންތިހާބު ބޭއްވުމަށް އިތުރު 42.8 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާ ކަމަށް މިމަހުގެ ދެވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅިއެވެ.

އެދުވަހުގެ ކޮމިޓީ ބައްދަލުމުގައިވެސް އަވަހަށް ބަޖެޓު ލިބުމުގެ މުހިއްމު ކަން އީސީގެ ރައީސް އަހުމަދު ޝަރީފް ފާހަގަ ކުރެއްްވިއެވެ. އަދި ވީހާ އަވަހަކަށް ބަޖެޓް ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް ވެސް އެދިވަޑައިގެންނެވިއެވެ.

ޝަރީފް ވިދާޅުވީ، ގައިޑްލައިންގައި ބުނާ ބެކަޕް ފޯސް ގާއިމްކުރަން ގްރޭޓާ މާލޭ ސަރަހައްދަށް އެކަނިވެސް އިތުރު 2300 އޮފިޝަލުން ބޭނުންވާ ކަމަށާއި، މާލޭގައި ވޯޓުލާން އިތުރު 135 މަރުކަޒު ގާއިމް ކުރަން ޓެންޓް ޖަހަން ޖެހޭ ކަމަށެވެ.

އޭގެ ތެރެއިން ރައްކާތެރިކަމަށް ބޭނުންވާ ފޭސް ޝީލްޑާއި އެހެނިހެން ތަކެތީގެ އިތުރުން، ވޯޓިން މަރުކަޒުތައް ހެދުމަށް ބޭނުންވާ ޓެންޓްތައް ހޯދުމަށް މިހާރު އިއުލާން ކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް އެތަކެތި ހޯދޭނީ ބަޖެޓް ދިނުމުން ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އީސީއަށް މިހާރު ލިބިފަިއވާ 51.1 މިލިޔަން ރުފިޔާގެ ބަޖެޓް ހުސްވަންދެން އިންތިހާބަށް ކުރަން ޖެހޭ ކަންތައްތައް ކުރިއަށް ގެންދަވާނެ ކަމަށާއި އެއަށްފަހު ކަންތައް ކުރާނެ ގޮތް އެނގޭނީ މަޖިލީހަށް ކަމަށްވެސް ވިދާޅުވިއެވެ. އެއީ ކޮންމެ ކަމެއް ދިމާވިޔަސް މިހާރު އިންތިހާބު ފަސްކުރުމުގެ ބާރު އީސީއަށް ނޯންނާނެތީއެވެ.

އެންމެ ފަހުން އެ ބަޖެޓުން ކިރިޔާވެސް މަދު ކުރެވެން ހުރި ކަންކަން މަދު ކުރުމަށް، ކޮމިޓީން އެދިފައިވާތީ، 42.8 މިލިޔަނުން 29.8 މިލިޔަނަށް ބަޖެޓު ކުޑަކޮށް މިހާރު އެ ބަޖެޓް ވަނީ އަލުން ކޮމިޓީއަށް ހުށަހަޅާފައެވެ.

އިސީގެ ރައީސް ޝަރީފް ވިދާޅުވެފައި ވަނީ ވިދާޅުވީ ކޮމިޓީގެ އެދުމުގެ މަތިން، މަދުކުރެވެން ހުރި ކަންތައްތައް މަދުކޮށް، ކުރަން ހުރި ކަންތައް ރަނުން ރަނަށް ހިމަނައި މިދިޔަ ބުރާސްފަތި ދުވަހު ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ، އިންތިހާބަށް ބޭނުންވެގެން ހުށަހަޅާފައިވާ ބަޖެޓް އަދިވެސް އީސީއަށް ނުލިބޭ ކަމަށެވެ. ނަަމަވެސް އެކަމަށް ބޭނުންވާ ބަޖެޓް، ރައްޔިތުންގެ މަޖިލީހުން ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

އިންތިހާބަށް ބަޖެޓްގެ ކަންބޮޑުވުން އޮތް އިރު، އެޗްޕީއޭގެ ގައިޑްލައިންގައި ހުރީ އަދި މާބޮޑެތި ގޮންޖެހުންތަކެކެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް ވިދާޅުވީ ވޯޓުލާ މީހުން ތިބީ ކޮންތާކުތޯ ބަލައި ވޯޓުލާ މަރުކަޒުތަކަށް އުފުލުމަކީ އެއްވެސް އިރެއްގައި އިލެކްޝަންސް ކޮމިޝަނުން ކުރި ކަމެއްނޫން ކަމަށާއި އެއީ އެ ފަރާތުގެ ގާނޫނީ މަސްއޫލިއްޔަތެއްވެސް ނޫން ކަމަށެވެ.

ޝަރީފް މިހެން ވިދާޅުވީ ކޮވިޑަށް ޕޮސިޓިވް ވެފައިވާ މީހުން ވޯޓުލުމަށްޓަކައި މަރުކަޒަށް ގެންގޮސް ގެނައުމުގެ އިންތިޒާމު އިލެކްޝަންސް ކޮމިޝަންގެ މަސްއޫލިއްޔަތެއްކަމަށް އެޗްޕީއޭގެ ގައިޑްލައިގައި ހިމަނާފައިވާތީ އެކަން ފާހަގަކޮށެވެ.

"އަޅުގަނޑުމެން ތަނަވަސްމި ކޮށްދެނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވޯޓު ލެވޭނެ ގޮތް، ޖަލުގައި ތިބޭ މީހުންނަށްވެސް ތަނަވަސް ކޮށްދެނީ އެކަން، އެއީ އެމީހުންނަށް ނާދެވޭނެތީ، ޖަލު ބަލަހައްޓާ ފަރާތްތަކުން ޖަލުގައި އެ މީހުންނަށް ވޯޓުލެވޭނެ އިންތިޒާމު ހަމަޖައްސައިދެނީ،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ވޯޓުލާ ބަޔަކު ވަކި ތަނެއްގައި ނުނިކުމެވޭ ގޮތަށް އެޗްޕީއޭއިން ބައިތިއްބާފައި ތިބޭނަމަ އެމީހުން ވޯޓުލާން ގެނައުމަކީ އެޗްޕީއޭގެ ޒިންމާއެއް ކަމަށެވެ.

"އެޗްޕީއޭގެ އިއުލާނެއް ނުވަތަ ގައިޑްލައިން ނުވަތަ އުސޫލެއްގެ ދަށުން ވޯޓުލާ ބަޔަކު ވަކި ތަނެއްގައި ބަންދުކޮށްފައި ބައިތިއްބާ ކަމަށް ވަންޏާ، ނުވަތަ ވަކި ތަނަކަށް ނުނިކުތުމަށް އަންގާފައިވާ ކަމަށް ވަންޏާ އެއީ އެޗްޕީއޭގެ ޒިންމާއެއް، އެމީހުން ގެނައުމަކީ އެއީ އަޅުގަނޑުމެންގެ ޒިންމާއެއް ނޫން، އެހެންވީމާ އަޅުގަނޑުމެން ދަންނަވާލާނީ އަޅުގަނޑުމެން މިތިބި ތައްޔާރު ވެގެންނޭ، އެފަދަ ބަޔަކު އަންނަކަން އެޗްޕީއޭގެ ފަރާތުން ނުވަތަ އެކަމާ ބެހޭ ފަރާތަކުން އަޅުގަނޑުމެންނަށް އަންގައި ފިއްޔާމު އަޅުގަނޑުމެނަށް، ރައްކާތެރި ކަުމުގެ ފިޔަވަޅު އަޅައިގެން އެމީހުންނަށް ވޯޓު ލެވޭނެ ފުރުސަތު ތަނަވަސްކޮށްދޭނަން، އެއީ ކިތަންމެ ގިނަ އަދަދެއް ކަމަށް ވިޔަސް،" ޝަރީފް ވިދާޅުވިއެވެ.

ގައިޑްލައިނާ ގުޅިގެން ޝަރީފް ދެން ފާހަގަ ކުރެއްވީ، އިލެކްޝަންސް ކޮމިޝަނަށްވެސް އެކަމުގެ މައްޗަށް ބާރު ނުފޯރުވޭ ކަމެއްގެ ވާހަކައެވެ.

"އެޗްޕީއޭގެ ގައިޑްލައިންގައި އެބައޮތް އަޅުގަނޑުމެނަށް ނުކުރެވޭނެ ކަމެއް، ސަބަބަކީ ވޯޓާސް ރަޖިސްޓްރީ، ވޯޓުލާ މީހުންގެ ރަޖިސްޓްރީ އަކީ ރީ ރަޖިސްޓްރީ ނިމުމާ އެކީ ފައިނަލް ކުރާނެ އެއްޗެއް. ފައިނަލް ކުރުމަކީ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ މަންދޫބުން ނުވަތަ އެފަރާތްތަކުން ކަނޑައަޅާ ބަޔަކު ސޮއި ކުރަނީ، ސޮއިކުރުމާއެކީގައި އީސީއަކަށްވެސް އިހުތިޔާރު ލިބިގެން ނުވޭ އެ ބަދަލު ކުރާކަށް، އެހެންވީމާ މިސާލަކަށް ޕޮޒިޓިވްވާ ބަޔަކު ތިބޭ ފެސިލިޓީއެއްގައި އަޅުގަނޑުމެން ވޯޓު ފޮއްޓެއް ބަހައްޓާ ކަމަށްވަންޏާމު އެތައް ދުވަހެއް ކުރިން އެތާ ތިބޭނެ މީހުންގެ އަދަދު އަޅުގަނޑުމެނަށް އެނގެން ޖެހޭ، ކޮންބައެއްތޯ ތިބޭނީ، ނުވަތަ އަނެއްހެން ދަންނަވާ ނަމަ އޭޕްރީލް 10 ގައި ޕޮޒިޓީވްވާނެ މީހުންގެ ލިސްޓެއް އަޅުގަނޑުމެންނަށް ދެއްވަން ޖެހޭ،" ޝަރީފް ވިދާޅުވިއެވެ.

މި ހުރިހައި ކަމަކަށް ބަލައި، ކައުންސިލް އިންތިހާބު ބާއްވަން ކުޑަތަންވެފައިވާއިރު، އިންތިހާބަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

މިއީ ބޮޑު އިންތިހާބެކެވެ، އަދި މިއީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ މިހާބޮޑު ފުރަތަމަ އިންތިހާބެވެ. އަދި މިއީ އިންތިހާބު ބާއްވަން އޮތް ދުވަހަށްވުރެ އަހަރު ދުވަސް ފަސްކޮށް ބާއްވާ އިންތިހާބެއްވެސް މެއެވެ.

އިލެކްްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވީ، ޕެންޑަމިކް ތެރޭގައި ގައިޑްލައިނާ އެއްގޮތަށް އިންތިހާބު ބާއްވަން ޖެހޭތީ 540 ފޮށީގެ ބަދަލުގައި މިހާރު މި އިންތިހާބަށް 711 ފޮށި ބަހައްޓާން ޖެހޭނެ ކަމަށެވެ. އެއީ މާލެ ހުޅުމާލެ ވިލިމާލެ ހިމެނޭ ގޮތަށް މާލެ ސަރަހައްދުގައި، 242 ފޮށި، ކުޅުދުއްފުށި ސިޓީ ފުވައްމުލަކު ސިޓީ އައްޑޫ ސިޓީ ހިމެނޭ ގޮތުން އަތޮޅުތަކުގެ ތެރޭގައި 325 ފޮށި، އަދި ރިސޯޓުތަކުގައި މިހާތަނަށް ބަހައްޓާން އެދިފައިވާ 135 ފޮއްޓާއި، ޖަލުގައި 4 ފޮށީ އިންޑިއާގައި 1 ފޮށި އަދި ލަންކާގައި 4 ފޮއްޓެވެ.

ޝަރީފް ވިދާޅުވީ މި އިންތިހާބުގައި ޖުމުލަ 3936 ކެންޑިޑޭޓުން ވާދަ ކުރާ ކަމަށެވެ. އެއީ ކައުންސިލްގެ 983 މަގާމަށް ވާދަކުރާ 2266 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ 930 ސްލޮޓަށް ވާދަ ކުރާ 1670 ކެންޑިޓުން ހިމެނޭ ގޮތުންނެވެ.

އެހެންކަމުން މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަ ކުރާ، އެންމެ ގިނަ ވޯޓު ފޮށިތައް ބަހައްޓާ އަދި އެންމެ ބޮޑު ބަޖެޓެއް ހަރަދުވާ މި އިންތިހާބަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ގިނަވެފައި ބޮޑެއްޗެވެ. ސިއްހީ ބޮޑު ކާރިސާއެއްގެ ސަބަބުން އިގުތިސޯދީ ބޮޑު ވަޅުގަނޑެއްގެ ތެރޭގައި ގައުމު އޮތުމުން އިންތިހާބުގެ ހުރިހައި ކަމެއް އެ ދެ ސަބަބަށް ބަލައި ބެލެންސްވެސް ކުރާން ޖެހެ އެވެ. ހުރިހައި ކަމަކަށްވުރެ ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ބޮޑުތަނުން ކަށަވަރުކުރާން ޖެހެ އެވެ. ކެމްޕޭނަށް ދޫކޮށްލެވޭ ފުރުސަތުގެ ހަމަހަމަކަން ކަށަވަރުކުރާ އިރު، އޭގެން ދެވޭ ލުޔެއްގެ ތެރެއިން ލާފައި ރައްޔިތުންގެ ތެރެއިން ބަޔަކު ކޮވިޑުގެ ރިސްކުގެ ތެރެއަށް ވެއްޓިގެން ނުދާނެކަން އަމުދުން މާބޮޑަށް ވެސް ކަށަވަރުކުރާން ޖެހެ އެވެ.

އީސީގެ ރައީސް ޝަރީފް ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިންގައިވާ ކަންތައްތައް ބަދަލު ނުކޮށްފިނަމަ އިންތިހާބު ލަސްކުރަން ޖެހުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި އެ ގައިޑްލައިނަށް ބަދަލު ނުގެނެސް އިންތިހާބު ބާއްވާ ނަމަ އިންތިހާއަށް ހަރަދު ބޮޑުވެގެން ވެސް ދާނެ ކަމަށް ވިދާޅުވިއެވެ.

ކޮންމެ ގޮތެއްވިޔަސް އިންތިހާބަށް މި އޮތީ މަހަކަށް ކައިރިވެފަ އެވެ. ކެމްޕޭނަށް ދޭން ޖެހޭ 28 ދުވަހުގެ ހަމަހަމަ މުއްދަތު ޖެހެނީ އެވެ. ސުވާލު އޮތީ އަދިވެސް އޮތް ގޮތަށެވެ. އެޗްޕީއޭގެ ބަސް އަދި ނިންމުވެސް ވަރަށް ސާފެވެ. އެންމެ ބޮޑު އިސްކަމެއް ދެވޭނީ ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ. ދެން ހުރި ކަންކަމަށް ލުއިދީ، ފަސޭހަ ކުރެވޭނީ ސިއްހީ ނިޒާމަށް ތަކާ ވަރަށް ބަލައިގެންނެވެ. އަމުދުން އަތޮޅުތަކުގައި ފަސޭހަ މިންވަރެއްގައި ކޮންޓްރޯލު ވެފައި އޮތް ކޮވިޑަށް ބާރަށް ދުއްވައިގަނެ ފެތުރިގަންނަން ލިބޭ ފުރުސަތަކަށް ވެދާނެ އެއްވެސް ސަބަބެއް މެދުވެރިވިޔަ ނުދިނުމަކީ އެޗްޕީގެ ޒިންމާއެކެވެ. އެހެން ކަމުން ސުވާލަކީ ދެން ވާނެ ގޮތެކެވެ. އޭޕްރީލް 10 ގައި ވެސް އިންތިހާބު އޮންނާނެ ހެއްޔެވެ؟ ނުވަތަ އަދިވެސް ޖެހޭނީ ފަސްކުރާން ހެއްޔެވެ؟