ވެކްސިން ފުރިހަމަ ކޮށްފައިވާ ފަތުރުވެރީންނަށް ނެގެޓިވް ޕީސީއާރް ޓެސްޓަކާ ނުލައި ރާއްޖެއަށް ދަތުރުކުރެވޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
"ވަން" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު މައުސޫމް ވިދާޅުވީ ވެކްސިން ގެ ދެ ޑޯޒް، ނުވަތަ އެއްޑޯޒުން ފުރިހަމަ ވާ ވެކްސިނެއް ނަމަ އެ ޑޯޒް ފުރިހަމަ ކުރުމަށް ފަހު އެ އޮންނަ މުއްދަތެއް ހަމަވުމުން، އިތުރު ޕީސީއާރް ޓެސްޓެއް ހެދުމަކާ ނުލައި ދަތުރުކުރުމުގެ ފުރުސަތު ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން މިހާރު ހުޅުވާލަމުން އަންނަ ކަމަށާއި މިއީ ރާއްޖެއިން އެ ފުރުސަތުގެ ބޭނުން ހިފަންވީ ވަގުތު ކަމަށެވެ.
"މިޔަށް ބައެއް ގައުމުތަކުން މި ކިޔަނީ ވެކްސިން ޓޫރިޒަމް، ވެކްސިން ޑޯޒް ހަމަވެ ފުރިހަމަ ކުރާން ޖެހޭ މުއްދަތެއް އޮންނަ ނަމަ އެ މުއްދަތެއް ފުރިހަމަ ކުރުމުން ވެކްސިން ކާޑު މި ލިބެނީ. އެ ކާޑު އޮތުމުން އިތުރު ޓެސްޓެއް ހެދުމެއް ނެތި ދަތުރުކުރުން ދުނިޔޭގަ މިހާރު ފަށައިފި. މިއީ ރާއްޖެއިން މިކަން ކޮށް އޭގެ ފައިދާ ލިބިގަންނަން އެންމެ ރަނގަޅު ވަގުތު." މިނިސްޓަރު މައުސޫމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ގައުމުތަކުގައި މިދިޔަ އަހަރުގެ ޑިސެމްބަރުން ފެށިގެން ވެކްސިން ޖަހަމުން އަންނަ ކަމަށާއި އެހެން ކަމުން ވެކްސިން ޓޫރިޒަމަށް ޝަރުތު ހަމަވާ ގިނަ އަދަދެއްގެ މީހުން ދުނިޔޭގައި މިހާރު އެބަ ތިބި ކަމަށެވެ. އޭގެ ތެރެއިން ވެސް ވަރަށް ގިނަ އަދަދެއްގެ މީހުންނަކީ މި ހާލަތުގައި ޗުއްޓީއަކަށް ދާން ބޭނުންވެފައި ތިބޭނެ މީހުން ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
މިނިސްޓަރު މައުސޫމް އިތުރަށް ވިދާޅުވީ މުޅި ދުނިޔެއިން ވެސް ބޯޑަރު އެންމެ ފުރަތަމަ ހުޅުވާލި އެެއް ގައުމަށް ރާއްޖެ ވުމުން އޭގެ މަންފާ ރާއްޖޭގެ އިގުތިސޯދަށް އަދި ރައްޔިތުންނަށް ވަރަށް ބޮޑަށް ކޮށްފި ކަމަށާއި ވެކްސިން ޓޫރިޒަމަށް ވެސް އަވަހަށް ފުރުސަތު ހުޅުވާލެވިއްޖެ ނަމަ އެއީ އަނެއްކާވެސް ހޯދޭނެ އިތުރު މަންފާއެއް ކަމަށެވެ.
މި ކަމަށް ބޭނުންވާ ހުއްދަ ހޯއްދެވުމަށް ކަމާ ގުޅުން ހުރި މުއައްސަސާ ތަކާ އެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެ ހުއްދަ ލިބިވަޑައިގެންނެވުމުން އެ ފުރުސަތު ހުޅުވާލައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކޮވިޑް ވެކްސިން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ޖަހަމުން އަންނަ އިރު ރާއްޖޭގައި ވެސް ވަނީ ވެކްސިން ޖެހުމުގެ ހަރަކާތް މިދިޔަ މަހު ފަށާފަ އެވެ. ރާއްޖޭގައި ވެކްސިން ޖެހި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ ދޮޅުލައްކައާ ގާތްކޮށްފަ އެވެ. ރާއްޖޭގައި އަދި ޖަހަމުން އަންނަނީ އިންޑިއާއިން ހަދިޔާ ކޮށްފައިވާ އެސްޓްރާ ޒެނެކާގެ ކޮވިޝީލްޑް ވެކްސިން އެވެ. މިއީ ދެ ޑޯޒް ޖަހަން ޖެހޭ ވެކްސިން އެކެވެ. އޭގެ ފުރަތަމަ ޑޯޒް ދޮޅު ލައްކައެއްހާ މީހުންނަށް ޖަހާފައިވާ އިރު، ދެވަނަ ޑޯޒް ޖަހަން ފަށަން ނިންމާފައި ވަނީ ފުރަތަމަ ޑޯޒް ޖެހިތާ އަށް 8 ހަފުތާ ފަހުންނެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް