އެއާ ވިސްތާރާއިން ރާއްޖެ އާއި އިންޑިއާގެ ނިއުދިއްލީއާ ދެމެދު ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.

އިންޑިއާގެ އެއާ ވިސްތާރާ އެއާލައިނުން ނިންމާފައިވަނީ ރާއްޖެ އިން ދިއްލީ ދަތުރުތައް މި އަންނަ އޮކްޓޯބަރުގެ އެއްވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ބޭއްވުމަށެވެ.

ވިސްތާރާ އެއަލައިނުން މިހާރުވެސް އިންޑިއާގެ މުމްބާއީ އާއި ރާއްޖެ އާ ދެމެދު ދަތުރުތައް ބާއްވަމުންގެންދެއެވެ. އިންޑިއާގެ ޓާޓާ ގްރޫޕާއި ސިންގަޕޫރު އެއާލައިންސް ގުޅިގެން އުފައްދާފައިވާ ވިސްތާރާ އިން ރާއްޖެ އިން ދިއްލީ ދަތުރުތަކުގައި ބޭނުން ކުރާނީ އެއާބަސް އޭ320 ނިއޯ މަރުކާގެ ބޯޓުތަކެވެ.

މި ބޯޓުތަކުން އިކޮނޮމީ، ޕްރީމިއަން އިކޮނޮމީ އަދި ބިޒްނަސް ކްލާހުގައި ދަތުރު ކުރެވޭ ގޮތަށް ހަމަޖެހިފައިވެއެވެ. އަދި ތައާރަފު ކުރެވުނު މި އާ ރޫޓާ އެކު ރާއްޖެ އަންނަން ބޭނުންވާ އިންޑިއާ ފަތުރުވެރިންނަށް ފަސޭހަ ވާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ވިސްތާރާގެ އިތުރުން ރާއްޖެއަށް ސީދާ ދަތުރުތައް ކުރާ އިންޑިއާގެ އެއާލައިނަކީ އިންޑިގޯއެވެ. އެ އެއާލައިނުން ރާއްޖެއަށް ސީދާ ދަތުރުތައް އެ ގައުމުގެ ކޮޗިން، މުމްބާއީ އަދި ބެންގަލޫރަށް ކުރެއެވެ.

ރާއްޖޭ އަންނަ ފަތުރުވެރިންނަށް ބަލާލި ނަމަވެސް އިންޑިއާއަކީ މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެވެ. މި އަހަރު ތެރޭ އިންޑިއާ އިން މިހާތަނަށް 131،926 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.