ކޮވިޑް-19އާ ގުޅިގެން ބަންދުކުރި ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާގައި އޮންނަ ސަރުކާރުގެ ހިއްސާ ދޫކޮށްލުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ޝަންގްރިއްލާގައި ސަރުކާރުގެ 30 ޕަސެންޓް ހިއްސާ އޮންނައިރު ބާކީ ހިއްސާ އޮންނަނީ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުގެ އަތުގައެވެ. އެ ރިސޯޓުގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށް ނުލެވިގެން އެތަން މިއަދާ ހަމައަށްވެސް އޮތީ ނުހުޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ނިންމާލުމުގެ ގޮތުން އައްޑުއަށް މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކުރެއްވި ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، ޝަންގްރިލާގައި އޮންނަ ސަރުކާރުގެ ހިއްސާ ދޫކޮށްލަން ނިންމާފައިވާކަން އިއުލާން ކުރައްވައިފައެވެ. އަދި ސަރުކާރުގެ ހިއްސާ ދޫކޮށްލާ ނަމަ 70 މިލިއަން ޑޮލަރު ދައްކަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ހިއްސާ އައްޑޫ އިންވެސްޓްމަންޓަށް ދޫކޮށްލުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ނިލްފާއެވެ. އައްޑޫ އިންވެސްޓްމެންޓްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް އެފެއާޒް ޑިރެކްޓަރު ސައުދު އަބްދުﷲ އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވި ގޮތުގައި ޝަންގްރިލާއިން މިހާރުވެސް ކުލީގެ ގޮތުގައި އަހަރަކު 800،000 ޑޮލަރު ދައްކައެވެ.