ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އަބްދުالله މައުސޫމް ވެރިކަން ކުރާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާ ގުޅިވަޑައިގެންފިއެވެ.

ޑރ. މައުސޫމް ޓޫރިޒަމް މިނިސްޓަރަކަށް އައީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްލޮޓެއްގައެވެ. ނަމަވެސް އޭނާ ވަނީ މި މަހުގެ ހަތް ވަނަ ދުވަހު އެ ޕާޓީން ވަކިވެވަޑައިގެންފައެވެ.

އެމްޑީޕީގެ ރަސްމީ ޓްވިޓާ އެކައުންޓުން މިރޭ ކުރި ޓްވީޓެއްގައި ވަނީ މައުސޫމް އެމްޑީޕީއަށް ސޮއިކުރެއްވުމަށް ފަހު އޭނާގެ މެމްބާޝިޕް ފޯމު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަތްޕުޅަށް އަރުއްވާ ފޮޓޯތަކެއް ހިއްސާކޮށްފައެވެ.

ޑރ. މައުސޫމް މިއަދު އެމްޑީޕީއަށް ސޮއިކުރެއްވި އިރު، އޭނާ ވަނީ ޖޭޕީގެ މެންބަރުކަމުގައި ހުންނަވައިގެން ރައީސް ސޯލިހަށް ތާއީދުކުރައްވަން ނިންމަވައިފައެވެ. އޭނާ ވިދާޅުވި ގޮތުގަައި ޖޭޕީން ވަކިނުވެ ކުރިން ހުންނެވީ އެ ޕާޓީން ރައީސް ސޯލިހާ ގުޅޭނެ ކަމުގެ އުންމީދުގައި ކަމަށެވެ.

ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް ކުރެއްވި މައުސޫމް މީގެ ކުރިން ވަނީ ގާސިމުގެ ސަން އައިލެންޑްގެ ޖެނެރަލް މެނޭޖަރުކަންވެސް ކުރައްވައިފައެވެ. މައުސޫމް ވަނީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައިވެސް ޓޫރިޒަމް މިނިސްޓަރުކަންވެސް ކުރައްވައިފައެވެ.

މީގެ އިތުރުން އޭނާ ވަނީ ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމާއި ކޮމަންވެލްތް އޮފް އޮސްޓްރޭލިއާއަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަގާމާއި ނިއުޒިލޭންޑަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުގެ މަގާމުވެސް ފުރުއްވައިފައެވެ.