ޖިންސޯ ގޯނާގެ މައްސަލައިގައި ދައުލަތުން ހުށަހަޅަންޖެހޭ ލިޔުމެއް ހުށަނޭޅި ކަމަށް ބުނެ ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލައަށް ހައިކޯޓުން ވެސް ތާއިދު ކޮށްފައިވަނިކޮށް، އެމައްސަލަ އަލުން ބަލަން ސުޕްރީމް ކޯޓުން އަމުރު ކުރުމުން އަލުން ދަށު ކޯޓަށް ހުށަހަޅަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ނިންމައިފި އެވެ.

ނުކުޅަދުންތެރިކަން ހުންނަ މީހަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ އުފުލި އެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައިވަނީ، އޭނާގެ އެ ހާލަތު އަންގައިދޭ ލިޔުމެއް ހުށަހަޅާފައިނުވާ ކަމަށް ބުނެއެވެ. އަދި އެ މައްސަލަ ޕީޖީ އޮފީހުން ހައިކޯޓުގައި އިސްތުނާފު ކުރުމުން ވެސް އެ ކޯޓުން ވެސް ނިންމީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއީދު ކުރުމަށެވެ.

އެ މައްސަލައިގައި އަނިޔާ ލިބުނު މީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަން އެނގޭނެ ލިޔުމެއް ދައުލަތުން ދަށު ކޯޓަށް ހުށަހެޅި ނަމަވެސް އެ މައްސަލަ ބޭރުކޮށްލީ، އެ ލިޔުން ތައްޔާރު ކޮށްފައިވަނީ އެކަން ކުރަން ސަރުކާރުން ރަސްމީކޮށް ބަލައިގަނެފައިވާ އިދާރާއަކުން ކަން އެނގޭނެ ލިޔުމެއް ހުށަހަޅާފައި ނެތުމުން ކަމަށް ބުނެ އެވެ.

އެކަމާ ގުޅިގެން ޕްރޮސިކިއުޓާ ޖެނަރަލް ހުސައިން ޝަމީމު ވިދާޅުވީ، ދަށު ދެ ކޯޓުން އެގޮތަށް ނިންމި ނަމަވެސް ގޮތް ދޫނުކޮށް ކުރިއަށް ގެންގޮސް އެ މައްސަލަ ސުޕްރީމް ކޯޓުގައި ކާމިޔާބު ކޮށްފައިވާ ކަމަށެވެ.

"ދައުލަތުން ހުށަހެޅި ލިޔުމަކީ ރަނގަޅު ލިޔުމެއް ކަމާއި ބަލައިގަންނަންޖެހޭ ލިޔުމެއް ކަމަށް ކޯޓުން ކަނޑައެޅުއްވި! މިހާރު، އަލުން އެ މައްސަލަ ދަށު ކޯޓަށް ހުށަހެޅުމުގެ މަސައްކަތް އެބަ ކުރަން،" ޕީޖީ ޝަމީމު ކުރެއްވި ޓުވީޓެގައި ވިދާޅުވެފައިވެ އެވެ.