އަންނަ ހުކުރު ދުވަހު ވެސް އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން މާލޭގައި މުޒާހަރާ ކުރާނެކަން އެ ކޯލިޝަނުން އިއުލާނުކޮށްފި އެވެ.

އިދިކޮޅުން މުޒާހަރާ ކުރާނެކަން އިއުލާން ކޮށްފައިވަނީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާ ހިލާފަށް އެއްވުންތައް ބާއްވަން ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނެފައިވަނިކޮށެވެ. އެގޮތަށް އިންޒާރު ދީފައިވަނިކޮށް ވެސް އިދިކޮޅުން ވަނީ މިދިޔަ ހުކުރު ދުވަހު މަގުތަކަށް ނުކުމެ މުޒާހަރާކޮށްފަ އެވެ/

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ، އިދިކޮޅުގެ ހަރަކާތް ދެން ނުހުއްޓުވޭނެ ކަމަށާއި އެގޮތުން އަންނަ ހުކުރު ދުވަހު އިހުތިޖާޖު ކުރުން އޮންނާނެ ކަމަށެވެ.

"މިދިޔަ ހުކުރު ދުވަހަށްވުރެ މާ ފުޅާކޮށް ވަރުގަދަކޮށް އިރާދަކުރެއްވިއްޔާ އަންނަ ހުކުރު ދުވަހު އަޅުގަނޑުމެންގެ އިހުތިޖާޖު ކުރިއަށް ގެންދާނަން،" މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.

މިދިޔަ ހުކުރު ދުވަހު އިދިކޮޅުގެ މުޒާހަރާ ފެށުމުގެ ކުރިން ވެސް އަދި ފަހުން ވެސް ފުލުހުން ވަނީ ޕީޕީއެމް/ޕީއެންސީގެ އިސް ބައެއް ބޭފުޅުން ހައްޔަރުކޮށްފައެވެ.

އޭގެ ތެރޭގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެކްޓިން ލީޑަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ނާއިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން އާއި ޕީއެންސީގެ ނާއިބު ރައީސް ފެނަކައިގެ ކުރީގެ އެމްޑީ މުހައްމަދު ނިމާލު ވެސް ހިމެނެއެވެ. ނަމަވެސް ފަހުން އެބޭފުޅުން ވަނީ ދޫކޮށްލައިފަ އެވެ.