ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުގެ މެންބަރުން އެއްވެސް އިންވެސްޓަރަކާ ބައްދަލުކޮށް، ކައިބޮއެ މަޝްވަރާކޮށްފައި ނުވާނެ ކަމަށް އެ ގްރޫޕުގެ ލީޑަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ. އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ފަލާހު މިހެން ވިދާޅުވީ އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލައްބާރު އިއްޔެ ރާއްޖެ ވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ބައްދަލުކުރެއްވި ކަމަށް ބުނެ އަދަދު ނޫހުން ޝާއިއުކުރި ހަބަރަކާ ގުޅިގެންނެވެ. އެ ހަބަރަކީ ރޯބުހުތާން ބޮޑު ދޮގެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވައިފައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓުގައި ފަލާހު ވަނީ އަދަދު ނޫހުން ތަނެއްދޮރެއް ބެލުމެއްނެތި ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށް ތުހުމަތުކުރައްވައިފައެވެ. އަދި އެ ހަބަރުން އަންގައިދެނީ އެ ނޫހުގެ އެއްވެސް ހަބަރަކީ ތެދު ހަބަރެއް ނޫންކަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، "އަދަދު ނޫހުގެ ވެރިންނާއި ލިޔުންތެރިންނަކީ ދޮގު ހަބަރާއި ދޮގު މަޢުލޫމާތު ފަތުރައިގެން ހޯދާ ނުހައްގު ފައިސާއިން ކައިބޮއެ އުޅޭ ބައެއް،" ކަމަށްވެސް ފަލާހު ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގެ 500 ހެކްޓަރުގެ ބިމުގައި ހިންގާ 20 ބިލިއަން ޑޮލަރުގެ "މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ" މަޝްރޫއުގެ ކޮމާޝަލް އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ. ރަސްމާލެ މަޝްރޫއުން 10 އަހަރު ތެރޭގައި ދައުލަތަށް 11 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ސަރުކާރުން ބުނެއެވެ.
އިބްރާހިމް ފަލާހު
ކޮމެންޓް