ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް އަބަދުމެ ފުރުސަތު އޮންނާނެ ކަމަށް ހޯމް މިނިސްތަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލީޝަނުން އިއްޔެ މާލޭގައި ބޭއްވި މުޒާހަރާ، ރޫޅާލައި އެތައް ބަޔަކު ހައްޔަރުކުރި ކުރުމާ ގުޅުގެން މިނިސްޓަރު އިމްރާނަށް އިދިކޮޅު ފަރާތްތަކުން ބޮޑެތި ފާޑިކިޔުންތަކެއް ކިޔާފައި ވަނިކޮށެވެ.

އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް އަބަދުމެ ފުރުސަތު އޮންނާނެ ކަމަށާއި، ރައްޔިތުންނަށް ފަހިވާނީ އޭރުން ކަމަށެވެ.

އެ މަގަަށް އެންމެ ފަހިވާނެހެން މި ސަރުކާރުން ފުރުސަތު ދޭނެ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

އިމްރާން މިހެން ވިދާޅުވެފައިވާއިރު، "ކޮބާ މަގޭ ފްލެޓް" ގެ ނަމުގައި އިއްޔެ ހަވީރު އިދިކޮޅު ފަރާތްތަކުން މާލޭގައި މުޒާހަރާގެ ތެރެއިން އެތައް ބަޔަކު ހައްޔަރުކޮށް ފުލުހުން ވަނީ އެ މުޒާހަރާ ރޫޅާލައިފައެވެ.

ފުލުހުން ބުނީ އެފަރާތްތަކުން މުޒާހަރާ ބޭއްވީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް އަދި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް ކަމަށެވެ.