ކޮވިޝިލްޑް ވެކްސިން ޖެހި އުމުރުން 93 އަހަރުގެ މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ގދ. ގައްދުއަށް ނިސްބަތްވާ އުމުރުން 93 އަހަރުގެ ފިރިހެނަކު މިއަދު މަރުވެފައިވާ ކަމަށާއި އޭނާއަކީ މިދިޔަ ބުދަ ދުވަހު ވެކްސިން ޖެހި މީހެއް ކަމަށެވެ.

ފާއިތުވި ދިހަ އަހަރު އެނދުމަތިކޮށްގެން ފަރުވާދެމުން ދިޔަ އެމީހާއަކީ އެކި ބަލިތަކަށް ދިގު މުއްދަތަށް ބޭސްކުރަމުންދިޔަ މީހެއް ކަމަށެވެ. އަދި އުސޫލުގެ ދަށުން އެ މަރުގެ ސަބަބު ދެނެގަތުމަށްޓަކައި ފުރިހަމަ ތަހުގީގެއް ހިންގާނެ ކަމަށާއި އެ ތަހުގީގަށްފަހު ހޯދުނު ހޯދުންތައް ހިއްސާކުރާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ވެކްސިން ދީގެން ނޫން އެހެން ސަބަބުތަކާ ހުރެވެސް މީހަކު މަރުވެދާނެކަން ވެސް އެޗްޕީއޭ އިން ފާހަގަކުރިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑިރެކްޓަރު އަހްމަދު ނާސިރު ވިދާޅުވީ ވެކްސިން ޖެހުމުން ކުދިކުދި ސައިޑް އިފެކްޓްސްތައް ހުންނަ ކަމަށާއި އޭގެ ތެރޭގައި ހުން އައުން ފަދަ ކަންކަން ބައެއް މީހުންނަށް ކުރިމަތިވާ ކަމަށެވެ. ނަމަވެސް ވެކްސިން ޖެހުމުން އެޑްމިޓްކުރަން ޖެހޭ ހާލަތަކަށް މީހަކު ގޮސްފައިނުވާ ކަމަށް ވެސް ވިދާާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. ރާއްޖޭގައި ޖަހަމުން އަންނަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. އެގައުމުން ވަނީ ކޮވިޝީލްޑް ވެކްސިންގެ އެއްލައްކަ ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ.

މާލޭގެ އިތުރުން އަތޮޅުތެރޭގައި ވެސް ވެކްސިނޭޝަން ޕްރޮގްރާމް ބާރަށް ކުރިއަށްގެންދާ އިރު، މިހާތަނަށް ރާއްޖެއިން ވަނީ ޖުމްލަ 64،048 މީހަކު ވެކްސިން ޖަހައިފައެވެ.