ފުވައްމުލަކު ސިޓީގެ ކްލަސްޓާއިން ކޮވިޑަށް ޕޮޒިޓިވް ވީ މީހުންގެ އަދަދު 28 އަށް އަރައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ، ފުވައްމުލަކުން އިތުރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެއާއެކު ފުވައްމުލަކު ކްލަސްޓާއިން ޕޮޒިޓިވްވީ މީހުންގެ އަދަދު މިވަނީ 28 އަށް އަރައިފައެވެ.

ފުވައްމުލަކުން އެންމެ ފުރަތަމަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މިމަހުގެ ހަތްވަނަ ދުވަހު ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިންނެވެ. އެމީހާއަކީ ދުބާއީން އައިސް ފުވައްމުލަކުގައި ކަރަންޓީނުގައި ހުއްޓައި ކޮވިޑަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓުވި މީހެކެވެ.

ޕޮޒިޓިވް ކޭސްތަކާ ގުޅިގެން ފުވައްމުލައް އޮތީ މޮނިޓަރިންގައެވެ.

ފުވައްމުލަކުން ޕޮޒިޓިވް ކޭސްތަކެއް ފެނުމުން އެ ސިޓީގައި އަޅާފައިވާ ފިޔަވަޅުތައް ވަނީ ހަރުކަށިކޮށްފައެވެ. އެގޮތުން ރޭގަނޑު 8:00 އިން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާކޮށްފައެވެ. ޕާޓީތަކާއި ހަފުލާތަކާއި ރަސްމިއްޔާތުތައް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ. އަދި އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުމަށްވެސް ވަނީ އަންގައިފައެވެ.

އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެ އުޅުން ވަނީ މަނާކޮށްފައެވެ. އަދި ސެލޫންތަކާއި ޖިމްތާކާއި ބޯކޮށާ ތަންތަން ބަންދު ކުރަން ވެސް ވަނީ އަންގައިފައެވެ.

މީގެ އިތުރުން ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހުއްޓާލުމަށާއި ޔުނިވާސިޓީތަކާއި ކޮލެޖް ސްކޫލުތަކަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދިނުން ހުއްޓާލަންވެސް ވަނީ އަންގައިފައެވެ. އަދި ހޮޓާތަކާއި ކެފޭ އަދި ރެސްޓޯރަންޓްތަކުން ދެމުން އަންނަ ހިދުމަތްތައް ހުއްޓައިލުމަށްވެސް އަންގާފައިވެއެވެ.