ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ހިންގާ ވެކްސިނޭޝަން ޕްރޮގްރާމުގެ ދަށުން މިއަދު 7،818 މީހަކު ވެކްސިން ޖަހައިފިއެވެ.

ރާއްޖޭގައި އެއް ދުވަހެއްގައި އެންމެ ގިނަ އަދަދެއްގެ މީހުން ވެކްސިން ޖެހީ މިދިޔަ އަންގާރަ ދުވަހުއެވެ. އެ ދުވަހު 6،230 މީހަކު ވެކްސިން ޖެހި އިރު، އިއްޔެ 6،171 މީހަކު ވެކްސިން ޖެހިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި 7،818 މީހަކަށް ވެކްސިން ދީފައިވާ ކަމަށެވެ. އެއާއެކު މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މިހާތަނަށް ޖުމުލަ 64،048 މީހަކު ވަނީ ވެކްސިން ޖަހައިފައެވެ.

މިއަދު ވެކްސިން ޖެހި 7،818 މީހުންގެ ތެރެއިން 5،998 މީހަކު ވެކްސިން ޖަހާފައިވަނީ މާލެއިންނެވެ. އަދި އަތޮޅުތެރެއިން 1،820 މީހަކު ވެކްސިން ޖެހިއެވެ. މިހާތަނަށް ވެކްސިން ޖެހި ޖުމުލަ 64،048 މީހުންގެ ތެރެއިން މާލެއިން 49،836 މީހަކު އަދި އަތޮޅުތެރެއިން 14،212 މީހަކު ވެކްސިން ޖަހާފައިވެއެވެ.

މާލޭ ސަރަހައްދުން ވެކްސިން ދެނީ އައިޖީއެމްއެޗް އާއި އޭޑީކޭ އާއި ސެނަހިޔާ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލާއި ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަދި ފުލޫ ކުލިނިކުންނެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުން ވެސް މިހާރު ވަނީ ވެކްސިން ދިނުމުގެ ޕްރޮގްރާމު ފަށައިފައެވެ.

ރާއްޖޭގައި ޖަހަން ފަށާފައިވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް19 "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިންގެ 100،000 ޑޯޒް އިންޑިއާއިން ރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ. އެ ޝިޕްމަންޓް ހުސްވަންދެން ވެކްސިންގެ ފުރަތަމަ ޑޯޒް ދެމުންގެންދާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެ ވެކްސިންގެ އިތުރުން ރާއްޖެއަށް ވަނީ 10،000 ޑޯޒްގެ ސައިނޯފާމް ވެކްސިން ގެނެސްފައެވެ. އަދި ޗައިނާ އިން ވެސް ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހަދިޔާކުރުމަށް ވަނީ ނިންމައިފައެވެ. އޭގެ އިތުރުން މިމަހުގެ މެދެއްހާ ހިސާބުގައި ޑަބްލިޔުއެޗްއޯގެ ކޮވެކްސް ފެސިލިޓީން ދޭން ނިންމާފައިވާ ވެކްސިން ވެސް ގެންނާނެއެވެ. އަދި ރާއްޖެއަށް ފައިޒާ ވެކްސިން ގެންނަން ވެސް ވަނީ ނިންމައިފައެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ކުރިއަށް އޮތްތަނުގައި، ހެލްތު ފެސިލީތައް ބޭނުންކޮށްގެން، ރާއްޖޭގެ ހުރިހާ ރަށަކުން ވެކްސިން ޖެހުމުގެ ކަންތައް ކުރިއަށްދާނެ ކަމަށެވެ. ޓާގެޓަކީ ދުވާލަކު 10،000 މީހުންނަށް ވެކްސިން ދިނުން ކަމަށް ވެސް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.