ވެކްސިން ޖެހި ފަހުން ކޮވިޑް 19އަށް ޕޮޒިޓިވްވެފައިވާ ބައެއް މީހުން ރާއްޖޭގައި އެބަ ތިބި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފި އެވެ.
އެޗްއީއޯސީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، ވެކްސިން ޖެހިތާ ފަސް ވަރަކަށް ދުވަސް ފަހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހުން އެބަ ތިބި ކަމަށެވެ.
"ބައެއް މީހުން އެބަ އުޅޭ ވެކްސިން ޖަހާފަ ފަސް ދުވަސް ފަހުން ޕޮޒިޓިވް ވާ މީހުން. އެއީ އަސްލު ވެދާނެ އޭނަ ކުރިން ވައިރަހަށް ހުށަހެޅިފައި ހުރީމަ ޕޮޒިޓިވްވީ ކަމަށް، ނޫނީ ވެކްސިން ޖެހުމަށްފަހުވެސް އެ ފައިދާ ލިއްބައިދިނުމުގެ ފަހުންވެސް ޕޮޒިޓިވް ވެދާނެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
ޑރ. ނަޒްލާ ވިދާޅުވީ، ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިޔަސް މުޅިން ރައްކާތެރިކަން ނުލިބޭނެ ކަމަށާއި ފުރިހަމަ ރައްކާތެރިކަން ލިބޭނީ ދެ ވަނަ ޑޯޒް ޖަހާތާ ދެ ހަފްތާ ފަހުން ކަމަށެވެ.
މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު ބައެއް މީހުން މާސް ނާޅައި އުޅޭ ކަމަށާއި އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހެންދެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށެވެ.
އެޗްޕީއޭއިން އެންމެ ފަހުން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި މިހާތަނަށް 56،218 މީހުންނަށް ވަނީ ކޮވިޑްގެ ވެކްސިން ދީފައެވެ. ރާއްޖޭގައި ޖަހަމުން އަންނަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. އެވެކްސިންގެ 100،000 ޑޯޒް އެގައުމުން ވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ.
ރާއްޖޭގައި ވެކްސިން ޖަހަން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. ދެވަނަ ޑޯޒް ޖަހަން ނިންމާފައިވަނީ ފުރަތަމަ ޑޯޒް ޖަހާތާ އަށް ހަފްތާ ނުވަތަ 56 ދުވަސް ފަހުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު