ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ޖެހޭނީ ފުރަތަމަ ޑޯޒް ޖަހާތާ އަށް ހަފުތާއަށް ފަހު ކަމަށް ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، ރާއްޖޭގައި ދެވަނަ ޑޯޒް ދޭނެ މުއްދަތު އަށް ހަފްތާއަށް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.

"ފުރަތަމަ ޑޯޒް ޖެހުމަށްފަހު އަށް ހަފްތާ ވުމަށްފަހު ދެވަނަ ޑޯޒް ޖެހުމަށް ނިންމާފައި ވަނީ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް އަށް ހަފްތާ ފަހުން ޖަހަން ނިންމީ ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީން އެންމެ ފަހުގެ ދިރާސާތަކާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ މިންގަނޑުތަކަށް ބެލުމަށް ފަހު ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"ހަތަރު ހަފްތާއާ އަޅާ ބަލާއިރު، ދެވަނަ ޑޯޒް އަށް ހަފްތާ ފަހުން ޖެހީމަ އޭގެން ލިބޭ ރައްކާތެރިކަން އިތުރުވާ ކަމަށް ފާހަގަކުރެވޭ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. ރާއްޖޭގައި ޖަހަމުން އަންނަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. އެގައުމުން ވަނީ އޭގެ 100،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި މިހާތަނަށް 56،218 މީހުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވެއެވެ.