ފުވައްމުލަކު ސިޓީގެ ކްލަސްޓާއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 27 އަށް އަރައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ ފުވައްމުލަކުން އިތުރު ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެއާއެކު ފުވައްމުލަކު ކްލަސްޓާއިން ޕޮޒިޓިވްވީ މީހުންގެ އަދަދު މިވަނީ 27 އަށް އަރައިފައެވެ.

ފުވައްމުލަކުން އެންމެ ފުރަތަމަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މިމަހުގެ ހަތްވަނަ ދުވަހު ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިންނެވެ. އެމީހާ އަކީ ދުބާއީއިން އައިސް ފުވައްމުލަކުގައި ކަރަންޓީނުގައި ހުއްޓައި ކޮވިޑަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓުވި މީހެކެވެ.

ޕޮޒިޓިވް ކޭސްތަކާ ގުޅިގެން ފުވައްމުލަކު އޮތީ މޮނިޓަރިންގައެވެ.

ފުވައްމުލަކުން ޕޮޒިޓިވް ކޭސްތަކެއް ފެނުމުން އެ ސިޓީގައި އަޅާފައިވާ ފިޔަވަޅުތައް ވަނީ ހަރުކަށިކޮށްފައެވެ. އެގޮތުން ރޭގަނޑު 8:00 އިން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާކޮށްފައެވެ. ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ. އަދި އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުމަށްވެސް ވަނީ އަންގައިފައެވެ.

އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެ އުޅުން ވަނީ މަނާކޮށްފައެވެ. އަދި ސެލޫންތަކާއި ޖިމްތާކާއި ބޯކޮށާ ތަންތަން ބަންދު ކުރަން ވެސް ވަނީ އަންގައިފައެވެ.

މީގެ އިތުރުން ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހުއްޓާލުމަށާއި ޔުނިވާސިޓީތަކާއި ކޮލެޖް ސްކޫލުތަކަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދިނުން ހުއްޓާލަންވެސް ވަނީ އަންގައިފައެވެ. އަދި ހޮޓާތަކާއި ކެފޭ އަދި ރެސްޓޯރަންޓްތަކުން ދެމުންގެންދާ ހިދުމަތްތައް ހުއްޓައިލުމަށްވެސް އަންގާފައިވެއެވެ.