ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ލަސްކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެދިފައި ނުވާނެ ކަމަށް އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިހާބު ބޭއްވުމަށް އީސީން ނިންމާފައިވަނީ އޭޕްރީލް ދިހަވަނަ ދުވަހުއެވެ. ނަމަވެސް އިންތިހާބު ފަސްކުރުމާ ގުޅޭގޮތުން މަޖިލީހުގެ ލަފައަކަށް އީސީން ވަނީ އެދިފައެވެ.
ޝަރީފް މިފަދައިން ވިދާޅުވެފައި މިވަނީ، އިންތިހާބު ފަސްކުރުމަށް އީސީން ބަހަނާ ދައްކަމުން އަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން ރޭ ކުރެއްވި ޓުވީޓެއްގައެވެ.
އެ ޓުވީޓުގައި ޝަރީފް ވިދާޅުވީ، އިންތިހާބު ފަސްކުރަން އީސީއަކުން ނޭދޭ ކަމަށާއި ކޮމިޝަނުން އަމަލު ކުރީ ގާނޫނުގައިވާ ގޮތަށް ކަމަށެވެ.
"ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނުގެ ހަތްވަނަ މާއްދާގެ (ޅ) ގައިވާ ގޮތަށް އީސީން އަމަލު ކުރީ،" ޝަރީފް ވިދާޅުވިއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނަށް ގެނައި އެއްވަނަ އިސްލާހުގައިވާ ގޮތުން، އިންތިހާބު ބާއްވަން ހުރަސް އެޅޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އިންތިހާބު ބާއްވަން ޖެހޭ މުއްދަތު ހަމަވާ ތާރީހުގެ 30 ދުވަސް ކުރިން އިލެކްޝަންސް ކޮމިޝަނުން އެކަން ސަބަބު ބަޔާންކޮށް މަޖިލީހަށް ހުށަހަޅަން ޖެހެއެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނު ބުނާ ގޮތުން އެންމެ ލަސްވެގެންވެސް އަންނަ މެއި މަހުގެ ނުވަވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހެއެވެ.