ކޮވިޑްގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަން އޮތް ހިސާބަށް މިއަހަރުގެ މޭ މަހުގެ ތެރޭގައި ދެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މައުސޫމް "ވަން"އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ރާއްޖެއަށް ފަތުރުވެރިން މިހާރު އަންނަ މިންވަރަށް ބަލާއިރު ފަތުރުވެރިކަމުގެ ފުލް ރިކަވަރީއަކަށް ވަރަށް އަވަހަށް ދެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.

"މީގެ ކުރިން އަޅުގަނޑުމެން އަންދާޒާ ކުރީ ފުލް ރިކަވަރީއަކަށް ޖޫން ޖުލައި ހިސާބުގައި ދެވޭނެ ކަމަށް. ނަމަވެސް މިހާރުގެ ހިސާބުތަކުން އަޅުގަނޑުމެން މިބަލަނީ ފުލް ރިކަވަރީއަކަށް މޭ ހިސާބުގައި ދެވޭނެ ކަމަށް" މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑުގެ ސަބަބުން ފަތުރުވެރިކަމަށް އައި ހީނަރުކަމަށް ފަހު ފަތުރުވެރިކަން ރަނގަޅުވަމުން އަންނައިރު، މިއަހަރުގެ ތެރޭގައި ރާއްޖެއަށް ވަނީ އުންމީދީ އަދަދަކަށް ފަތުރުވެރިން އައިސްފައެވެ. އެގޮތުން މިދިޔަ މަހު ރާއްޖެއަށް 92،101 ފަތުރުވެރިން އައިސްފައިވާއިރު، މި މަހުގެ މިހާތަނަށް ރާއްޖެއަށް 50،000 އެއްހާ ފަތުރުވެރިން އައިސްފައި ވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖެއަށް ދުވާލެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ އަދަދުވެސް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން މިދިޔަ މަހު އެވްރެޖުކޮށް ކޮންމެ ދުވަހަކު ރާއްޖެ އައިސްފައިވަނީ 2،971 ފަތުރުވެރިންނެވެ. ނަމަވެސް މި މަހު އެ އަދަދު އުޅެނީ 3،344 ގައެވެ. މިއީ ދުވާލަކަށް ގާތްގަނޑަކަށް 400 ފަތުރުވެރިންގެ އިތުރުވުމެކެވެ.

ކޮވިޑް 19އާ ގުޅިގެން މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށް ފަހު އަލުން ހުޅުވީ ޖުލައި 15 ގައެވެ. މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 555،494 ފަތުރުވެރިންނެވެ. ޓޫރިޒަމް މިނިސްޓްރީގެ މިއަހަރުގެ އަމާޒަކީ 1.5 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.