ޚަބަރު

ލޮކްޑައުންއާ ގުޅިގެން ކުރީން ދޫކުރި ފާސްތައް މިހާރު ބޭނުމެއް ނުކުރެވޭނެ: ފުލުހުން

އަލީ ޔާމިން

ކޮވިޑާއި ގުޅިގެން މާލޭ ސަރަހައްދު މީގެ ކުރިން ލޮކްޑައުންކުރި އިރު، ބޭރުގައި އުޅުމަށް ދޫކޮށްފައިވާ ފާސްތައް ބޭނުން ނުކުރުމަށް ފުލުހުން އިލްތިމާސް ކޮށްފި އެވެ

ފުލުހުން ބުނީ ބޭރަށް ނުކުތުމަށް ލޮކްޑައުން ކުރި އިރު ފުލުހުން ދޫކުރި ފާސްތައް ބައެއް ފަރާތްތަކުން ބޭނުންކުރަމުން އަންނަ ކަން ފާހަގަކުރެވޭ ކަމަށެވެ.

"އެހެންނަމަވެސް، ކުރިން ދޫކޮށްފައިވާ ފާސްތައް މީހާރު ބޭނުން ނުކުރެވޭނެ ވާހަކަ ދަންނަވަން،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، ވެހިކަލް ދުއްވުން މަނާގަޑީގައާއި ކާފިއު ވަގުތު ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުތުމަށް http://police.gov.mv/permit މެދުވެރިކޮށް ހުއްދައަށް އެދުމަށް އިލްތިމާސްކުރާ ކަމަށެވެ. ޕޯޓަލްގައި ރަޖިސްޓްރީވެގެން ހުއްދަ ދޫކުރަން ފަށާފައިވަނީ އިއްޔެރެއިން ފެށިގެންނެވެ.

ޕޮލިސް ޕޯޓަލް ލިންކު ބޭނުން ކޮށްގެން އަދި ޕޮލިސް ޕާމިޓް ސެންޓަރު ނަންބަރު، 1665 އަށް ގުޅައިގެންވެސް ހުއްދައަށް އެދެވޭނެ އެވެ.

ކޮވިޑްގެ ތިންވަނަ ރާޅެއް ރާއްޖެއަށް ބިންދާލައިފައިވާ އިރު، މާލޭ ސަރަހައްދުގައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. އެގޮތުން ރޭގަނޑު 6:00 އިން ހެނދުނު 6:00 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރުމުގެ އިތުރުން ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް އަންނަނީ ކާފިއު ހިންގަމުންނެވެ.