ޖިންސީ އަނިޔާގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފުރުން މަނާކުރި އަމުރު ކްރިމިނަލް ކޯޓުން ބާތިލުކުރުމުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.
އަލީ ވަހީދުގެ މައްޗަށް މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ ތުހުމަތުތަކެއް ކުރުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު ނިމެންދެން އޭނާއަށް ފުރުން މަނާކޮށް ޕާސްޕޯޓް އޮތީ ހިފަހައްޓައިފައެވެ. އެ މައްސަލަތަކުގައި އޭނާއަށް ވަނީ ދައުވާވެސް ކޮށްފައެވެ.
ނަމަވެސް މި މައްސަލައާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމެއްގައި އޭނާގެ ސިއްހީ ހަލަތު ބަޔާންކޮށް ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައަށް އެދުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ޕާސްޕޯޓް ދޫކޮށްލުމަށް އަމުރުކޮށްފައެވެ.
ކްރިމިނަލް ކޯޓުން ބުނެފައިވަނީ އޭނާގެ ޕާސްޕޯޓް ދޫކޮށްލީ ޖާމިނުވާނެ (ޒިންމާ އުފުލާނެ) ފަރާތެއް ހުށަހެޅުމުން ކަމަށެވެ. ޒިންމާވާނެ ފަރާތެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަސްހަދު އަލީ (އަޑުބަރޭ)އެވެ.
އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު އެ ކޯޓުން ފަހުން ބާތިލުކުރުމާއެކު އަލީ ވަހީދު ވަނީ އިނގިރޭސިވިލާތުގެ ލަންޑަނަށް ފުރާވަޑައިގެންފައެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، ކްރިމިނަލް ކޯޓުގެ އެ އަމުރު ހައިކޯޓުގައި މިއަދު އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވެސް ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ، އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުމާ ގުޅޭ ލިޔުންތައް މިދިޔަ ބުރާސްފަތި ދުވަހު ލިބިފައިވާ ކަމަށާއި އަދި މިއަދުގެ ވަގުތެއްގައި އެ މައްސަލަ އިސްތިއުނާފުކުރުމަށް ހައިކޯޓަށް ވެއްދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު