އޮންލައިންކޮށް ކިޔަވައިދިނުމުގެ ގެއްލުން ބޮޑު ކަމަށާއި ޑިޕްރޭޝަނާއެކު ކިޔެވުން މަތިން ފޫހިވުމަށް މަގުފަހިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު ވިދާޅުވެއްޖެއެވެ.
ކޮވިޑު ކޭސްތައް އިތުރުވަމުންދިއުމާ މާލޭ ސަރަހައްދުގެ ގްރޭޑް 1 އިން 6 ގެ ދަރިވަރުންނަށް ކުރިއަށްއޮތް ދެ ހަފުތާގައި އަލުން އޮންލައިންކޮށް ކްލާސްތައް ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވާ އިރު، އެކަމާ ގުޅޭ ތަފްސީލުތައް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްވަމުން އާތިޔާ ވިދާޅުވީ، ދަށު ގްރޭޑްތަކުގެ ދަރިވަރުންނަށް ސްކޫލުތައް ބަންދުކުރިޔަސް އެއީ އުނދަގޫ ނިންމުމެއް ކަމަށެވެ. އެގޮތުން ސްކޫލުގެ މާހައުލުން އެތައް ކަމެއް ދަރިވަރުންނަށް ދަސްވާކަން ފާހަގަކޮށް އާތިޔާ ވިދާޅުވީ، އޮންލައިން ކްލާސްތަކުގެ ސަބަބުން ކުދިންނަށް ނޭދެވޭ އެތައް އަސަރެއް ކުރާ ކަމަށެވެ.
"ސްކްރީނެއްގެ ފަހަތުގައި ކިޔަވަން ޖެހުމުގެ ސަބަބުން އެކުދިން ކިޔެވުން މަތިން މުޅިން ފޫހިވެ، އެކުދިން ދެން އަލުން އަނބުރާ ކިޔަވަން ބޭނުންނުވެ، އަދި އެކުދިންނަށް އެކަނިވެރިކަމާއި މޮޅިވެރިކަން އިހުސާސްކުރެވި އަދި ބައެއް ފަހަރު ޑިޕްރެޝަންގެ ޝިކާރައަކަށްވެސް ކުދިން ވެގެން އަންނަތަން ފެނޭ،" އާތިޔާ ވިދާޅުވިއެވެ.
އާތިޔާ ވިދާޅުވީ، ދަށު ގްރޭޑްތަކުގެ ކުދިން މިހާލަތުގައި އޮންލައިންކޮށް ކިޔަވާ އިރު، ދަރިވަރުންގެ ކަންކަން ގާތުން ބަލަން ޖެހޭ ކަމަށާއި ގިނައިރު ސްކްރީން ކައިރީގައި އެކުދިން ބޭތިއްބުމަކީ އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް އަސަރުކުރާނެ ކަމެއް ކަމަށެވެ.
"އިންޓަނެޓަކީ ކިތަންމެ ބޭނުންތެރި ވަސީލަތެއް ނަމަވެސް އޭގެވެސް އަނދިރި ފަރާތެއްވޭ. ކުދިން ގްރޫމް ކުރުމާއި ތަފާތު ގޯނާކުރުން ފަދަ ކަންކަންވެސް ކުރިމަތިވޭ،" އާތިޔާ ވިދާޅުވިއެވެ.
މީގެ އިތުރުން އާތިޔާ ވިދާޅުވީ، ސްކޫލަށް ނުދެވި ގޭގައި ކުދިން ތިބޭއިރު އެކުދިންނާ ގިނަގިނައިން މުއާމަލާތްކޮށް، އެކުދިންނަށް ބޭނުންވާ ސައިކޯ ސޯޝިއޯ ސަޕޯޓް ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.
ސްކޫލެއްގެ ތެރެއިން ކޮވިޑްގެ އައުޓްބްރޭކެއް މިހާތަނަށް އައިސްފައިނުވާކަން ފާހަގަކުރައްވައި އާތިޔާ ވިދާޅުވީ، ސްކޫލުތަކުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކަށް ފުރިހަމައަށް އަމަލު ކުރާ ކަމަށެވެ.
އާތިޔާ ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީގެ އުންމީދަކީ ކޮވިޑުގެ ހާލަތު ރަނގަޅުވެ، ދަށު ގްރޭޑްތަކުގެ ދަރިވަރުންނަށް އަލުން ސްކޫލަށް ގޮސް ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބިގެން ދިއުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު