ޖިންސީ އަނިޔާގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފުރުން މަނާކުރި އަމުރު ކްރިމިނަލް ކޯޓުން ބާތިލުކުރުމުން އެ މައްސަލަ މާދަމާ ހައިކޯޓުގައި އިސްތިއުނާފު ކުރަން ނިންމައިފިއެވެ.

އަލީ ވަހީދުގެ މައްޗަށް މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ ތުހުމަތުތަކެއް ކުރުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު ނިމެންދެން އޭނާއަށް ފުރުން މަނާކޮށް ޕާސްޕޯޓް އޮތީ ހިފަހައްޓައިފައެވެ. އެ މައްސަލަތަކުގައި އޭނާއަށް ވަނީ ދައުވާވެސް ކޮށްފައެވެ.

ނަމަވެސް މި މައްސަލައާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމެއްގައި އޭނާގެ ސިއްހީ ހަލަތު ބަޔާންކޮށް ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައަށް އެދުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ޕާސްޕޯޓް ދޫކޮށްލުމަށް އަމުރުކޮށްފައެވެ.

ކްރިމިނަލް ކޯޓުން ބުނެފައިވަނީ އޭނާގެ ޕާސްޕޯޓް ދޫކޮށްލީ ޖާމިނުވާނެ (ޒިންމާ އުފުލާނެ) ފަރާތެއް ހުށަހެޅުމުން ކަމަށެވެ. ޒިންމާވާނެ ފަރާތެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަސްހަދު އަލީ (އަޑުބަރޭ)އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު އެ ކޯޓުން ފަހުން ބާތިލުކުރުމާއެކު އަލީ ވަހީދު ވަނީ އިނގިރޭސިވިލާތުގެ ލަންޑަނަށް ފުރާވަޑައިގެންފައެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުމާ ގުޅޭ ލިޔުންތައް މިދިޔަ ބުރާސްފަތި ދުވަހު ލިބިފައިވާ ކަމަށާއި މާދަމާގެ ވަގުތެއްގައި އެ މައްސަލަ އިސްތިއުނާފުކުރުމަށް ހައިކޯޓަށް ވެއްދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަލީ ވަހީދުގެ ޕާސްޕޯޓާ ގުޅިގެން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ޕީޖީ އޮފީހަށް ލިބުނީ ބުރާސްފަތި ދުވަހުގެ މެންދުރު 11:30 ހާއިރު. އެވަގުތުން ފެށިގެން 48 ގަޑިއިރު ތެރޭ ހައިކޯޓަށް ހުށަހަޅަންޖެހޭ. އެ މަސައްކަތް މިދަނީ ކުރަމުުން. ޖާމިނުވިގޮތާބެހޭ ލިޔެކިޔުން އަދިވެސް ނުލިބޭ،" ޝަމީމް ވިދާޅުވިއެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލުމުން ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީގެ އިތުރުން އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ގިނަ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.