ފުވައްމުލަކު ސިޓީން ޕޮޒިޓިވްވީ މީހުންގެ އަދަދު 14 އަށް އަރައިފިއެވެ.

ހެލްތު އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ފުވައްމުލަކުން އިތުރު ތިން މީހަކު އިއްޔެ ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެ ސިޓީން ޕޮޒިޓިވްވި މީހުންގެ އަދަދު 14 އަށް އަރާފައިވާ ކަމަށެވެ.

ފުވައްމުލަކުން އެންމެ ފުރަތަމަ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ މިދިޔަ އާދީއްތަ ދުވަހު ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިންނެވެ. އެމީހާ އަކީ ދުބާއީއިން އައިސް ފުވައްމުލަކުގައި ކަރަންޓީނުގައި ހުއްޓައި ކޮވިޑަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓުވި މީހެކެވެ.

ނަމަވެސް އެ ރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހާ މިހާރު ވަނީ ރަނގަޅުވެފައެވެ. އެކްޓިވް ކޭސްގެ އަަދަދަކީ މިހާރު 13 އެވެ.

ޕޮޒިޓިވް ކޭސްތަކާ ގުޅިގެން ފުވައްމުލަކު އޮތީ މޮނިޓަރިންގައެވެ. އަދި މިއަދުން ފެށިގެން އެ ސިޓީގައި ހަތް ދުވަހުގެ ނިޔަލަށް ފިޔަވަޅުތަކެއް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ނިންމައިފައެވެ.

އެގޮތުން މިއަދުން ފެށިގެން ރޭގަނޑު 8:00 އިން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާކޮށްފައެވެ. ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ. އަދި އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުމަށްވެސް ވަނީ އަންގައިފައެވެ.

އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުން ވަނީ މަނާކޮށްފައެވެ. އަދި ސެލޫންތަކާއި ޖިމްތާކާއި ބޯކޮށާ ތަންތަން ބަންދު ކުރަން ވެސް ވަނީ އަންގައިފައެވެ.

މީގެ އިތުރުން ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހުއްޓާލުމަށާއި ޔުނިވާސިޓީތަކާއި ކޮލެޖް ސްކޫލުތަކަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައި ދިނުން ހުއްޓާލަންވެސް ވަނީ އަންގައިފައެވެ. އަދި ހޮޓާތަކާއި ކެފޭ އަދި ރެސްޓޯރަންޓްތަކުން ދެމުންގެންދާ ހިދުމަތްތައް ހުއްޓައިލުމަށްވެސް އަންގާފައިވެއެވެ.