ޖާމިނުވާ ގޮތަށް މީހުން މިނިވަން ކުރެވޭނަމަ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބަދަލުގައި އޭނާ އުމުރަށް ޖަލުގައި އޮންނަން ތައްޔާރަށް ހުންނެވި ކަމަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ހިންގެވުމާ ހަވާލުވެގެން ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިގޮތަށް ވިދާޅުވީ ގާތް އެކުވެރިޔާ، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ ޖާމިނުވާ ގޮތަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހަތަރު މަހަށް ކުރިމިނަލް ކޯޓުން ދޫކޮށްލުމުންނެވެ.

“މަގޭ ފްލެޓު ކޮބާ؟”ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން މިއަދު މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ އަލީ ވަހީދަށް ޖިންސީ ގޯނާގެ ހަތް ދައުވާއެއް އުފުލާފައިވަނިކޮށް މި ސަރުކާރުން އޭނާ ފުރުވާލާފައިވާ ކަމަށެވެ. އަދި އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްވަވައިގެން ކުރެއްވި ކަމެއް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް ދެން މި އަޑު އިވުނީ އޭނާ ފުރައިގެން ދިޔައީ އޭނާގެ ކަންތަކާ ޒިންމާވާނެ މީހަކު ބަހައްޓާފައޭ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެގޮތަށް މީހުން ބައިތިއްބާފައި، އެގޮތަށް މިނިވަން ވެވޭ ކަމަށް ވަންޏާ، ރައީސް ޔާމީން މިހާރު މިހާރަށް ގެއަށް ގެނެސްދޭށޭ. އަޅުގަނޑު ގެންގޮސް އުމުރަށް ޖަލުގައި ބާއްވަދޭށޭ،" އަދުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ސަރުކާރަކީ އެކި މީހުންނަށް އެކި ގޮތް ހަދާ އަނިޔާވެރި ސަރުކާރެއް ކަމަށާއި އެގޮތުން މި ސަރުކާރުން ބޮޑެތި ވަގުންނަށް ހިމާޔަތް ދެމުން އަންނަ ކަމަށެވެ. އަދި މި ސަރުކާރު ހަމަ މަގަށް އަޅުވަން ޖެހޭނީ ރައްޔިތުން ނުކުމެ މަގުމަތީން ކަމަށާއި ގާނޫނީ އިމުގެ ތެރެއިން މި ސަރުކާރު ވަރަށް އަވަހަށް ނިމުމަކަށް ގެންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން، އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ ތުހުމަތުތަކެއް ކުރުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު ނިމެންދެން އަލީ ވަހީދު ފުރުން މަނާކޮށް ޕާސްޕޯޓް އޮތީ ހިފަހައްޓައިފައެވެ.

ނަމަވެސް ކޯޓުގައި އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖެއަށް ބޭރަށް ފުރާވަޑައިގަތުމަށް ހުއްދައަށް އެދިވަޑައިގަތުމުން ކްރިމިނަލް ކޯޓުން ވަނީ ޕާސްޕޯޓު ހިފެހެއްޓުމަށް ނެރުނު އަމުރު ބާތިލުކޮށްފައެވެ. އަދި ހަމަ އެދުވަހު އަލީ ވަހީދު ވަނީ ރާއްޖޭން ބޭރަށް ފުރާވަޑައިގެންފަ އެވެ.