ރާއްޖެ އެތެރެކުރި 61 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް ހުރި މއ. ބޮއިލިންގްފިޝް، އަހުމަދު ވިސާމް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން މިއަދު ބާތިލުކޮށްފި އެވެ.
"އިރުއަލިމަސް" ކިޔާ ދޯންޏެއްގައި 26 މާޗް 2020 ވަނަ ދުވަހު ރާއްޖެއަށް 61 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތު ކުރެވޭ މި މައްސަލައިގައި ވިސާމް އާއެކު އިތުރު 11 މީހަކު ހައްޔަރުކޮށް ދައުވާ ކުރަން ފޮނުވި އެވެ.
ނަމަވެސް މި މީހުންގެ ތެރެއިން ވިސާމް ފިޔަވައި ދެން ތިބި މީހުން ޝަރީއަތް ނިމެން ބަންދުގައި ބައިތިއްބަން އަމުރުކުރި އިރު، ވިސާމް ވަނީ ދޫކޮށްލައިފަ އެވެ.
އޭނާ ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ބުނެފައިވަނީ، ވިސާމަކީ ކަކުލުގެ ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހޭ މީހެއް ކަމަށް ލިޔުންތަކުން އެނގެން އޮތްއިރު އަދި އޭނާ ނަފްސާނީ ޑޮކްޓަރަކަށް ދެއްކުމަށް އިރުޝާދު ދީފައިވާތީ، ވިސާމް ބަންދުގައި ބަހައްޓައިފި ނަމަ އޭނާގެ ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ.
އެ މައްސަލަ ޕީޖީ އޮފީހުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.
ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ޝަފީއު މިއަދު މީޑިއާތަކަށް ވިދާޅުވީ، އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން މިއަދު ބާތިލުކޮށްފައިވާ ކަމަށެވެ.
ޕީޖީންނާއި ފުލުހުން ކުރިން ބުނެފައިވާ ގޮތުން، ވިސާމަކީ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނެޓްވޯކުގެ އެންމެ އިސް ފަރާތެވެ. އަދި އެ ކުށުގެ އަމަލު ހިންގުމުގައި އެންމެ އިސްކޮށް ހުރީ އޭނާކަން އިންޓެލިޖެންސަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު