ގއ. މާމެންދޫގައި ރޭ މާރާ މާރީ އެއް ހިންގައި ކުޑަކުއްޖަކު މަރާލި މައްސަލާގައި އިތުރު ތިން މީހަކު ހައްޔަރު ކޮށްފި އެވެ.
ގުރޫޕް މާރާ މާރީގައި 17 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ވަނީ މަރުވެފަ އެވެ.
ރޭ 23:00 ހާއިރު ހިންގި މި މާރާމާރީގައި މަރުވެފައިވަނީ އުމުރުން އެންމެ 17 އަހަރުގެ އަހުމަދު އުދައްޔު އެވެ. އޭނާ މަރުވީ އޭނާގެ ހަށިގަނޑަށް ވަޅިން ދިން ހަމަލާތަކުގެ ސަބަބުންނެވެ. އެ މާރާމާރީގައި އުދައްޔުގެ އެއްބަނޑު ބޭބެ، ފިރުޝާން ޒާހިރަށްވެސް ވަނީ ވަޅިން ހަމަލާދީ ޒަހަމް ކޮށްލާފައެވެ.
މާމެންދޫން "ވަން" އާ ވާހަކަ ދެއްކި މީހަކު ބުނީ އެރަށުގައި އޮންނަ ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީތައް ފެށިގެން ދިޔައީ މީގެ އަހަރެއްހައި ދުވަސް ކުރީން، އަންހެނަކާ ގުޅޭ މައްސަލައެއްގައި ކަމަށެވެ. ރޭވެސް އެ މައްސަލައިގައި ދެ މާރާމާރީއެއް ހިންގި ކަމަށާއި އެންމެ ފަހުން ހިންގި މާރާމާރީ ވެގެންދިޔައީ އުދައްޔު މި ދުނިޔެއާ ވަކިވެގެން ދާން ޖެހުނު މާރާމާރީއަކަށް ކަމަށްވެސް އޭނާ ބުންޏެވެ.
އުދައްޔުއަށް ހަމަލާ ދިނީ ތިން ސައިކަލެއްގައި ދިޔަ ހަ މީހުންގެ ގްރޫޕަކުން ކަމަށާއި އެމީހުން ގޮސް ވަޅީންނާއި ދަގަނޑުބުރިން އޭނާއަށް ހަމަލާދިން ކަމަށްވެސް އެރަށުން ވާހަކަ ދެއްކި މީހާ ވަނީ ބުނެފަ އެވެ.
މި މައްސަލައިގައި ހާދިސާ ހިނގިތާ މަގިނަ އިރެއް ނުވެ އެކަކު ހައްޔަރު ކޮށްފައިވާއިރު ފުލުހުން ބުނީ ރޭ ކޯޓު އަމުރެއްގެ ދަށުން އިތުރު ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ 27 އަހަރުގެ މީހަކާ، 23 އަހަރުގެ މީހަކާ އަދި 18 އަހަރުގެ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މާމެންދޫގައި ރޭ ހިންގި ގްރޫޕް މާރާމާރީގައި ކުޑަ ކުއްޖަކު މަރުވެ، ޒުވާނެއްގެ ހާލު ސީރިއަސްވެފައިވާއިރު، އެ މާރާމާރީގެ މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް ކްރައިމް ޑިޕާޓުމަންޓުން އަންނަނީ ތަހުގީގުކުރަމުންނެވެ. ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ރޭ ވިދާޅުވި ގޮތުގައި އެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް މާލެއިން މާމެންދުއަށް ދިއުމަށް ވަނީ ހަމަޖައްސައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު