ގއ. މާމެންދޫގައި ހިންގި މާރާމާރީއެއްގައި 17 އަހަރުގެ ކުއްޖަކު މަރުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.
މާމެންދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީގައި ލިބުނު ޒަހަމްތަކާ ގުޅިގެން މަރުވެފައިވަނީ މާމެންދޫ، ލިލީ އޮފްދަ ވެލީ، އަހްމަދު އުދައްޔު، 17، އެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ދާދި ދެންމެއަކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާމެންދޫގައި ތޫނުއެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި މި މައްސަލައިގައި މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ހަމީދު ވިދާޅުވީ މި މާރާމާރީއާ ގުޅިގެން އިތުރު ފުލުހުން މާމެންދުއަށް ފުރާފައިވާ ކަމަށެވެ. އަދި މި މައްސަލަ މިހާރު ސީރިއަސް އޮގަނައިޒް ކުރައިމް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުން ބެލުމަށް ނިންމާފައިވާ ކަމަށާއި މައްސަލަ ތަހުގީގު ކުރުމަށް މާދަމާ ހެނދުނު އެރަށަށް ޓީމެއް ދާނެ ކަމަށެވެ. ހަމީދު ވަނީ އެރަށުގެ ރައްޔިތުންގެ ފަރާތުން އެއްބާރުލުންދިނުމަށް އެދިވަޑައިގެންފައެވެ.
ގއ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ޝަރީފް އަހްމަދު "ވަން" އަށް ވިދާޅުވީ އެ ހޮސްޕިޓަލަށް މިރޭ އެ ކުއްޖާ ގެނައި އިރުވެސް މަރުވެފައިވާ ކަމަށެވެ.
"ވަޅިން ބުރަކަށީގެ އެކި ތަންތަނަށް ހަމަލާދީފައިވޭ،" ޝަރީފް ވިދާޅުވިއެވެ.
ފުލުހުން ބުނީ، މާމެންދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީއެއް ހިންގާފައިވާ ކަމުގެ މައުލޫމާތު މިރޭ 10:10 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އެ މާރާމާރީގައި ތޫނުއެއްޗަކުން ހަމަލާދީ އިތުރު މީހެއްވެސް ޒަހަމްކޮށްލާފައިވެއެވެ. ފުލުހުން ބުނީ އެމީހާއަށްވެސް ގއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި މާރާމާރީގައި މަރުވި ކުއްޖާއާ ޒަހަމުވި ކުއްޖާއަކީ ދެބެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު