ހުޅުމާލޭ ޖަލުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 34 އަށް އަރައިފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އިތުރު ތިން މީހަކު ޕޮޒިޓިވްވެ، ހުޅުމާލޭ ޖަލުން ޕޮޒިޓިވްވީ މީހުންގެ އަދަދު 34 އަށް އަރާފައިވާ ކަމަށެވެ.
"މިހާތަނަށް ޖުމްލަ 34 ކޭސް ފެނިފައި އެބަވޭ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ، އެމީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 70 ގައިދީންނާއި 29 ޖަލު އޮފިސަރުން ފާހަގަކުރެވިފައިވާ ކަމަށާއި މިހާތަނަށް ޖުމްލަ 102 ސާމްޕަލް ޖަލުން ނަގާފައިވާ ކަމަށެވެ.
ހުޅުމާލޭ ޖަލުން ގައިދީއަކު ފުރަތަމަ ޕޮޒިޓިވްވީ މިމަހުގެ އެއްވަނަ ދުވަހުއެވެ. އެ ގައިދީ ޕޮޒޒިޓިވްވުމާ ގުޅިގެން ޖަލުން ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން 30 މީހެއް ވަނީ މީގެ ކުރިން ޕޮޒިޓިވްވެފައެވެ. އެމީހުން ޕޮޒިޓިވްވީ މިމަހުގެ ހަތަރުވަނަ ދުވަހާއި ފަސްވަނަ ދުވަހުއެވެ.
އެޗްޕީއޭއިން ބުނީ ރެންޑަމް ސާމްޕަލްތަކުން ޕޮޒިޓިވްވެފައިވަނީ ގައިދީން އެކަނި ކަމަށެވެ.
މީގެ ކުރިން މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ވެސް ހުޅުމާލޭ ޖަލުން ކޭސްތަކެއް ވަނީ ފެނިފައެވެ. އޭރު ޕޮޒިޓިވްވެފައިވަނީ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ވަގުތީ ގޮތުން ބައިތިއްބާފައި ތިބި ފަސް ބިދޭސީއަކާއި ހުޅުމާލޭ ޖަލުގައި ތިބި ހަތް ގައިދީއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު