ރާއްޖޭގައި ބޭނުން ކުރާ ފައިސާ ޑިޖިޓަލް ކަރަންސީއަށް ބަދަލުކުރަން ޖެހޭ ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ހުސައިން ވިދާޅުވެއްޖެއެވެ.

މެންބަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.

މެންބަރު ވިދާޅުވީ، ދާ އޮހޮރުވައިގެން ރައްޔިތުން ހޯދާ ފައިސާކޮޅު ވަކި ބަޔަކު ބޭނުންވީމަ ބާރުގެ ބޭނުންކޮށްގެން ބޭނުން ކުރެވޭގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނާން ޖެހޭ ކަމަށެވެ.

މި ބިލަކީ ވަރަށް މުހިއްމު ބިލެއް ކަމަށާއި، މި ބިލުގެ ސަބަބުން ރާއްޖެއިން ކޮރަޕްޝަން މުޅީން ނައްތާލެވޭނެ ނިޒާމަށްދާތަން ގާއިމްވެގެންދާނެ ކަމަށާއި، މިކަމުގެ ގިނަގުނަ މަންފާ ރައްޔިތުންނަށް ލިބޭނެ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

މެންބަރު އިބްރާހިމް ހުސައިން ވިދާޅުވީ، މި ގައުމު ކުޑަޔަކަސް މި ގައުމަކީ ވަރަށް ގިނ ފައިސާ ލިބި، ރައްޔިތުންނަށް ތަނަވަސްކަން ހޯދިދާނެ ގައުމެއް ކަމަށެވެ.

ނަމަވެސް ކޮރަޕްޝަނާ ހެދި ނުހައްގު މުއްސަނދިކަން ހޯދައި ވަކި ބަޔަކު ނާޖާއިޒްގޮތުގައި ބޭނުންކޮށް ރައްޔިތުންނަށް ލިބުނު ފައިސަ ވަކި ބަޔަކަށް ބެހިގެންދާތަން ފެންނަމުންދާ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން އެމްއެމްޕީއާރުސީއަށް ލިބުނު އެތައް ހާސް މިލިޔަން ރުފިޔާއަށް ވީނުވީ ގޮތް ނޭނގި ގެއްލިފައިވާ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.