އައްޑޫގައި ހުންނަ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ކުރީގެ ސަރުކާރުން ބޮޑުއަގުގައި ތަކެތި ގަތުމުގެ މައްސަލަތަކެއް އެ ހޮސްޕިޓަލުގެ 2022، 2023 އަދި 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ތިލަވެއްޖެއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާއްމު ކޮށްފައިވާ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި 14 ކަމެއް ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން ގިނައީ ނުއަގުގައި ތަކެތި ގަތުމާއި ނުއަގުގައި މަސައްކަތްތައް ހަވާލުކުރުމުގެ މައްސަލަތަކެކެވެ.
ރިޕޯޓުން ދައްކާގޮތުގައި މާކެޓުގައި ތަކެތި ލިބެން ހުރި އަގަށްވުރެ ބޮޑު އަގުގައި ހޮސްޕިޓަލަށް ބޭނުންވާ އާންމު ކޮންސިއުމަބަލްސް ވަނީ މި މުއްދަތުގެ ތެރޭގައި ހޯދާފައެވެ. އެގޮތުން، އޮޑިޓުގައި ސާމްޕަލްގެ ގޮތުގައި ބަލާފައިވާ 3،083،388 ރުފިޔާގެ ތަކެތި ގަނެފައިވަނީ ދައުލަތުގެ އެހެން އިދާރާތަކަށް ގަނެފައިވާ އަގާއި މާކެޓުގައި ތަކެތި ލިބެން ހުރި އަގަށްވުރެ 2،083،966 ރުފިޔާ އަގުބޮޑުކޮށް ކަމަށް ވަނީ ފާހަގަކޮށްފައެވެ.
އާންމު ކޮންސިއުމަބަލްސްގެ އިތުރުން ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބަލްސް ހޯދުމުގެ ހަރުދަނާ އުސޫލެއް ނެތުމުގެ ސަބަބުން އަގުބޮޑުކޮށް ތަކެތި ގަނެފައިވާ ކަމަށާއި ބައެއް ތަކެތި ބޭނުންވާ މުއްދަތަށް ނުލިބޭކަންވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. މި މައްސަލައިގައި ސާމްޕަލްގެ ގޮތުގައި ނަގާފައިވާ ތަކެތީގެ ތެރެއިން 23 އައިޓަމަކަށް 1،964،971 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާއިރު މާކެޓުގައި އެތަކެތި 948،511 ރުފިޔާ އަގުހެޔޮކޮށް ލިބެންހުރިކަން ވަނީ ފާހަގަކޮށްފައެވެ.
އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިމާރާތުގެ ބޭރުގައި ޖަހާފައިވާ ތަށިމުށި ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް އެންމެ ކުޑަ އަގު ހުށަހެޅި ކުންފުނީގެ ބީލަން ކެންސަލްކޮށް އެ މަސައްކަތަށް ލަފާކުރި އަގަށްވުރެ އެއް މިލިޔަނަށްވުރެ ގިނަ ރުފިޔާ އަގުބޮޑުކޮށް އެހެން ކުންފުންޏަކާ ހަވާލުކުރިކަންވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އަދި ހޮސްޕިޓަލުގެ ސެޕްޓިކް އޯ.ޓީ ރޫމާއި އޭސީ ޑަކްޓް މަރާމާތުކުރުމަށް އަންދާޒާ ކުރި ބަޖެޓަށްވުރެ 173،189 ރުފިޔާއަށްއަށްވުރެ ބޮޑު އަގުގައި ހަވާލުކޮށްފައިވެއެވެ.
މީގެ އިތުރުން ހޮސްޕިޓަލަށް އާ ވޭނެއް ގަތުމަށް ހަވާލުކުރި ފަރާތާމެދު ވެފައިވާ އެއްބަސްވުން އުވާލައި އިއުލާންކުރުމަކާ ނުލައި އެހެން ފަރާތެއް މެދުވެރިކޮށް 583،000 ރުފިޔާ އަގުބޮޑުކޮށް ވޭނެއް ގަނެފައިވާކަމަށްވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
ހޮސްޕިޓަލުން ބޭނުންކޮށްފައި ނުވާ ތިން ކޮޓަރިއަކަށް ކުލީގެ ގޮތުގައި 165،000 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި ލެބޯޓްރީ ކޮންސިއުމަބަލްސް ފޯރުކޮށްދިނުމުގައި 34،000 ރުފިޔާއަށް ގަނެވެން އޮތް އައިޓަމެއް 1.7 މިލިޔަން ރުފިޔާއަށް ގަނެފައިވާކަންވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
މި އޮޑިޓް ރިޕޯޓުގައި ވަކި ފަރާތަކަށް މަންފާ ވާ ގޮތަށް އަމަލުކޮށްފައިވާ ކަންކަމާއި ހޮސްޕިޓަލާއި ދައުލަތަށް ގެއްލުންވާގޮތަށް އަމަލުކޮށްފައިވާ އިތުރު ބައެއް ކަންކަންވެސް ވަނީ ހިމަނާފައެވެ.
މި މައްސަލަތަކާ ގުޅިގެން ކުރިއަށް އޮތްތަނުގައި ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށާއި އެފަދަ ކަންކަން ތަކުރާރު ނުވާނެހެން ހޮސްޕިޓަލުގެ މާލީ ނިޒާމު ހަރުދަނާކުރުމަށް އޮޑިޓް ރިޕޯޓްގައި ވަނީ އިލްތިމާސްކޮށްފައެވެ.
އިބްރާހިމް ޒަކީ
އޮޑިޓް އޮފީސް
އޮޑިޓް އޮފީސް
އޮޑިޓް އޮފީސް
ކޮމެންޓް