އުމުރުން ދުވަސްވީ މީހުންނާއި ފުއްޕާމޭގެ ބަލިތައް ހުންނަ މީހުން މިސްކިތައް ގޮސް ނަމާދުނުކުރަން އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރާއްޖޭގައި ކޮވިޑްގެ ނަންބަރުތައް އިތުރުވެފައިވާތީ މިސްކިތްތަކަށް ދާ މީހުން ބައެއް ކަންކަމަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.

އެގޮތުން ގެއިން ވުޟޫ ކޮށްގެން ދިއުމާއި އަމިއްލަ މުސައްލަ ގެންދިއުމާއި މާސްކް އެޅުމާއި މިސްކިތަށް ވަނުމާއި ނުކުތުމުގައި ގައިދުރުކަން ބެހެއްޓުމަށް މިނިސްޓްރީން ވަނީ އަންގައިފައެވެ. އަދި ނަމާދުކޮށް ނިމުމުން މިސްކިތުގައި މަޑު ނުކުރުމަށާއި މިސްކިތުގައި ބެހެއްޓިފައި ހުންނަ ހަތިމުތައް ބޭނުން ނުކުރުމަށްވެސް އަންގާފައިވެއެވެ.

މިނިސްޓްރީން ވަނީ މިސްކިތުގެ އެކި ތަންތަނުގައި ތިބުމުގެ ބަދަލުގައި މިސްކިތަށް ވަންނަ ގޮތަށް ފުރަތަމަ ސަފުން ފެށިގެން ފުރަމުން ގެންދިއުމަށްވެސް އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ ޕުއްޕާމޭގެ ބަލި ހުންނަ މީހުންނާއި ރޯގާ ޖެހިފައިވާ މިހުންނާއި ހުން އައިސްފައިވާ މީހުންނާއި ކެއްސާ މީހުންނާއި އުމުރުން ދުވަސްވެފައިވާ މީހުން މިސްކިތަށް ނުދިއުމަށް އަންގާ ކަމަށެވެ.

ކޮވިޑް 19އާ ގުޅިގެން މީގެ ކުރިންވެސް ރާއްޖޭގެ މިސްކިތްތައް ބަންދުކުރިއެވެ. މިސްކިތްތައް ހުޅުވާލީވެސް އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ.