އައްޑޫ ސިޓީ ހިތަދޫން ކޮވިޑަށް ޕޮޒިޓިވްވި މީހެއްގެ ކޮންޓެކްޓުވި މީހަަކު ގދ. ތިނަދޫން ޕޮޒިޓިވްވެއްޖެ އެވެ.
ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ، އެރަށުން ޕޮޒިޓިވް ވެފައިވަނީ އައްޑޫން ޕޮޒިޓިވްވި މީހެއްގެ ޑައިރެކްޓް ކޮންޓެކްޓެއް ކަމަށެވެ. އަދި ރޯގާގެ އަލާމާތެއް ފެންނަނަމަ ލަސްނުކޮށް ހޮސްޕިޓަލުގެ ހޮޓްލައިން ނަންބަރަށް ގުޅުމަށް އެދިފައިވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ތިނަދޫން ޕޮޒިޓިވްވި މީހަކީ މިި މަހުގެ ތިން ވަނަ ދުވަހު އައްޑުއިން އެރަށަށް ދިޔަ މީހެކެވެ. އަދި މި ކޭސްއާ ގުޅިގެން އެރަށުގައި ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ދަނީ ކުރިއަށެވެ.
އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) "ވަން" އަށް މިރޭ ވިދާޅުވީ، ހިތަދޫން ދެ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި އެ ދެ މީހުން ބައްޔަށް ޕޮޒިޓިވްކަން އެނގުނީ ބަލީގެ އަލާމާތް ހުރެގެން ހިތަދޫ ފްލޫ ކްލިނިކަށް ދެއްކުމުން ކަމަށެވެ.
އޭގެ ތެރެއިން އެކަކަކީ ހިތަދޫގައި ދިރިއުޅޭ މީހެއް ކަމަށާއި އަނެއް މީހާ ވެސް ދިރިއުޅެނީ އައްޑޫގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، ދެ މީހުން ވެސް މަސައްކަތް ކުރަނީ އެއް އޮފީހެއްގައި ކަމަށެވެ.
މި ދެ ކޭސްއާ ގުޅިގެން އައްޑޫގެ ހުރިހާ ރަށެއް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރިއަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު