ކޮވިޑް-19 ވެކްސިން ޖެހުމަށް ސޯޝަލް ސެންޓަރުގައި، ކިޔޫ ދިގުވެ މީހުން ގިނަވަމުންދާތީ ކިޔޫ ބަންދު ކުރާ ގަޑި އަވަސް ކުރަން ޖެހިއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ވެކްސިން ޖަހަން ރާވަމުން އަންނަ ފަރާތްތައް މާދަމާގެ ވަގުތަކަށް ބަދަލުކޮށްލުމަށް އިލްތިމާސް ކުރާ ކަމަށާއި އަދި މިއަދު ކިޔޫ ބަންދު ކުރާ ގަޑި 2:30 އަށް އަވަސް ކުރަން ޖެހިފައިވާ ކަމަށެވެ.
މާލޭ ސަރަހައްދުގައި ވެކްސިން ޖެހުމަށް ހަ ސަރަހއްދެއް ކަނޑައަޅާފައިވާއިރު، މިއަދު ދޭން ނިންމާފައިވަނީ އުމުރުން 55 އަހަރުން މަތީގެ މީހުންނަށެވެ.
އެޗްޕީއޭ އިން ބުނީ ވެކްސިން ޖެހުމަށް my.health.mv ގައި ރަޖިސްޓަރީ ނުކުރާ ފަރާތްތަކަށް ރަޖިސްޓަރީކުރުމުގެ އެހީތެރިކަން ވެކްސިން ސެންޓަރުތަކުން ދެމުންދާނެ ކަމަށާއި ހުރިހާ ފަރާތްތަކުން ވެސް ޕޯޓަލްގައި ރަޖިސްޓަރީކުރުމަށް އެދޭ ކަމަށެވެ. އަދި ވެކްސިން ދިނުމަށް އިސްކަންދޭ ތަރުތީބުން އިތުރު ފަރާތްތަކަށް ވެކްސިން ޖެހުމަށް ފުރުސަތު ހުޅުވާލަމުން ގެންދާނެ ކަމަށް ވެސް ބުންޏެވެ.
ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ. އެގޮތުން އިއްޔެގެ ނިޔަލަށް ޖުމުލަ 4،269 މީހަކު ވަނީ ވެކްސިން ޖަހައިފަ އެވެ. އެއީ މާލެ ސަރަހައްދުން 3،573 މީހަކާއި އަތޮޅުތެރެއިން 696 މީހެކެވެ.
ރާއްޖޭގައި ޖަހަން ފަށާފައިވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް19 "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިންގެ 100،000 ޑޯޒް އިންޑިއާއިން ރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ. ކޮންމެ މީހަކަށް ވެސް ވެކްސިންގެ ދެ ޑޯޒް ދޭން ޖެހޭތީ އެ ޝިޕްމަންޓުން ވެކްސިން ދެވޭނީ 50،000 މީހުންނަށެވެ
ޚަބަރު
ޚަބަރު
ޚަބަރު