ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުން ރާއްޖޭގެ ކުރިމަގަށް އޮތް ބިރުވެރިކަމާއި ނުރައްކާތެރިކަން ހާމަވެއްޖެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
އަދުރޭ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު ރައީސް ސޯލިހް އިއްވެވި ރިޔާސީ ބަޔާނަކީ ދޮގާއި މަކަރާއި ހީލަތުގެ މައްޗަށް ބިނާކޮށް އިއްވާފައިވާ ބަޔާނެއް ކަމަށެވެ. މި ބަޔާނަކީ އުއްމީދެއް ނެތް މާޔޫސީ ބަޔާނެއް ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ ރައީސްގެ ރިޔާސީ ބަޔާނުގެ ސަބަބުން ރާއްޖޭގެ ކުރި މަގަށް އޮތް ބިރުވެރިކަމާއި ނުރައްކާތެރިން ހާމަވެގެން ގޮސްފައިވާ ކަމަށެވެ. ރައްޔިތުން މިކަމަށް ވިސްނުމަށް އަދުރޭ ވަނީ ގޮވާލައްވާފަ އެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް ވަނީ ރާއްޖޭގައި މިއަހަރު ކުރަން ރާވާފައިވާ މުހިންމު މަސައްކަތްތައް ފާހަގަ ކުރައްވާފަ އެވެ. އަދި މިދިޔަ އަހަރު ސަރުކާރުން ހާސިލްކުރި ކާމިޔާބު ކަންކަންވެސް އެ މަނިކުފަނު ވަނީ ފާހަގަ ކުރައްވާފަ އެވެ.
މީގެ އިތުރުން މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލި މަޑުކަމުން އަރައިގަތުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްވެސް އެމަނިކުފާނު ވަނީ ފަހަގަ ކުރައްވާފަ އެވެ. އެގޮތުން ދުވާލަކު 5600 ކޮވިޑް ޓެސްޓް ހެދޭނެ ގާބިލުކަން މިހާރު ރާއްޖޭގައި އެބަހުރި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ކޮވުޑް-19އިގެ ސަބަބުން ސަރުކާރުން ދޫކުރަން ނިންމާފައިވާ ރިލީފް ޕެކޭޖުގެ ތެރެއިން އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު މިހާރު ދޫކޮށްފައިވާ ކަަމަށާއި ކޮވިޑުގެ ސަބަބުން ހީނަރު ވެފައިވާ އިގްތިސޯދު އަލުން އާރާސްތުކުރުމަށް އެއް އަހަރާއި ދެ އަހަރާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށްވެސް ރައީސް ސޯލިހް ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން މި އަހަރު އިތުރު 18 ރިސޯޓު ހުޅުވި 9000 ވަޒީފާ އުފެދޭނެ ކަމަށް ބެލެވޭ ކަމަށާއި މިހާރު ފަށާފައިވާ މަޝްރޫއުތައް ނިމުމުން ދިވެހި ތާރީހުގައިވެސް ތަރައްގީ ނުވާ މިންވަރަށް ކުޅިވަރުގެ ވަސީލަތް ތަރައްގީވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ސޯލިހުގެ ބަޔާނުގައި އިތުރަށް ވިދާޅުވީ ދީނުގެ ނަމުގައި ޖިންސީ އަދި ޖިސްމާނީ ގޯނާކޮށް މުޖުތަމައު ބައިބައިކުރުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދެއްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު