ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް މާދަމާ ވެކްސިން ޖަހަން ފެށުމަށް ނިންމައިފިއެވެ.

ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ވެކްސިން ދޭން ފެށުމަށް މާދަމާ ސޯޝަލް ސެންޓަރުގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ރިސޯޓް މުއައްޒަފުންނާއި ގެސްޓް ހައުސްތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި ސަފާރީތަކުގެ މުވައްޒަފުންނާއި އެއާޕޯޓް ރެޕްރެޒެންޓޭޓިވްގެ އިތުރުން ގެސްޓްހައުސް ސާވިސް އެޖެންޓްސް އަދި މިއުޒިކީ ފަންނާނުންނަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި މިރޭ ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވީ ރިސޯޓްތަކުގެ ބޭފުޅުންނަކީ ވަރަށް ބޮޑު ޕްރިއޯރިޓީއެއްދޭ ދާއިރާއެއް ކަމަށާއި އެގޮތުން ރިސޯޓްތަކުގެ މުވައްޒަފުންނަށް ވެކްސިން ދިނުމަށް ވަކި އަދަދެއް ކަނޑައަޅައި ތަރުތީބު ކުރެވިފައިވާ ކަމަށެވެ. އަދި އެ ތަރުތީބުގެ ދަށުން ވެކްސިން ދެވެމުންދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ފުރަތަމަ ބުރުގައި ވަކި އަދަދަކަށް ރިސޯޓް މުވައްޒަފުންނަށް ވެކްސިން ދެވޭނެ ކަމަށާއި ވެކްސިން ލިބޭ މިންވަރަކުން އިތުރު މުވައްޒަފުންނަށް ވެކްސިން ދެމުން ގެންދާނެ ކަމަށެވެ. އަދި އުންމީދަކީ އަވަހަށް ވެކްސިން ލިބުން ކަމަށް ވެސް ވިދާޅުވިއެވެ.

އިޖުތިމާއީ ކޮމެޓީގައި ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ހިމެނެނީ ޕްރިއޯރިޓީގެ ތިންވަނަ ބައިގެ ދަށުގައި ކަމަށެވެ. އަދި ރިސޯޓް މުވައްޒަފުންނަށް ވެކްސިންދޭ އުސޫލަކީ އެންމެ ކައިރި ރަށްރަށުގެ ހޮސްޕިޓަލްތަކުން އެ ރިސޯޓްތަކަށް ގޮސް ވެކްސިން ދިނުން ކަމަށެވެ.

ނަޒްލާ ވިދާޅުވީ ކޮވިޑްގެ ސަބަބުން ގިނަ ރިސޯޓްތަކެއްގައި ސިއްހީ ނިޒާމުތައް ހަރުދަނާ ކުރެވި، ޑޮކްޓަރުންނާއި ނަރުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އެފަރާތްތައްވެސް ތަމްރީނުކޮށް، ވެކްސިން ދިނުމުގެ ޓީމުގައި ހިމަނައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

"ވަން" އަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ފަތުރުވެރިންނާ ކައިރިން ފްރަންޓްލައިންގައި މަސައްކަތްކުރާ 5000 މުވައްޒަފުންނަށް ވެކްސިން ދިނުމަށް 10,000 ޑޯޒު ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ދާއިރާގެ މުވައްޒަފުންގެ ތެރެއިން ފުރަތަމަ ވެކްސިން ޖަހާނެ މީހުން ކަނޑައެޅުމަށް ހުރިހާ ޓޫރިސްޓު ފެސިލިޓީއަކަށް ނަން ފޮނުވުމަށް މިހާރު އަންގާފައިވާނެ ކަމަށް ވިދާޅުވިއެވެ.

"ވެކްސިން ދޭއިރު ބަލާނީ ގެސްޓުންނާ ގާތުން މަސައްކަތްކުރާ މުވައްޒަފުންނަށް ފުރަތަމަ ވެކްސިން ދިނުމަށް. އޭގެ ތެރެއިން ވެސް ގެސްޓު ހައުސްތަކުގެ މުވައްޒަފުންނަށް އިސްކަން ދޭނަން. އެއީ ކޮމިއުނިޓީ ތެރޭގައި އުޅޭ ބަޔަކަށްވާތީ. މީގަ މާބޮޑު ޝަރުތުތަކަކަށް ނުބަލާނެ. ނަމަވެސް ވެކްސިން ދިނުމަށް ކަނޑައަޅާ އުސޫލު ކޮންމެވެސް ވަރަކަށް ފައްތާލާފަ, ގެސްޓުންނާ ކައިރިން މަސައްކަތްކުރާ މީހުންނާއި އުމުރުން މަތީ މީހުންނަށް އިސްކަންދޭނެ," މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ފުރަތަމަ ބުރުގައި 5000 މުވައްޒަފުންނަށް ވެކްސިން ދިން ކަމުގައިވީ ނަމަވެސް ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަކޮށް, ދެވަނަ ޑޯޒު ޖެހުމުގެ ކުރިން އިތުރު ވެކްސިން ޝިޕްމަންޓެއް ލިބި, އިތުރު މުވައްޒަފުންނަށް ޖެހިގެންދާނެ ކަމަށެވެ.