ރޭގަނޑު 10:30ގެ ފަހުން ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ދިނުން ހުއްޓާލަން ޖެހޭނެ ކަމަށް ފުލުހުން ބުނެފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ހެޑް އޮފް ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސެއިން ސަމީރު ވިދާޅުވީ, ބަލި ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކާއެކު އާންމު ދަތުރުފަތުރުގެ ހިދުމަތް އެންމެ ފަހުން ލިބޭނެ ގަޑިއަކީ 10:30 ކަމަށެވެ.
އެގޮތުން ބަހުގެ ހިދުމަތްތަކާއި މާލެ, ވިލިމާލެ އައި ތިލަފުއްޓަށް ކުރާ ފެރީގެ ހިދުމަތްތަކުގެ އެންމެ ފަހު ދަތުރު 10:30 ގައި ކުރަން ޖެހޭނެ ކަމަށް ސަމީރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ފެނާއި ގޭސް ފޯރުކޮށް ދޭ ކުންފުނިތަކަށް 8:30 އާއި 11:00 އާ ދެމެދު 350 ޓަނޭޖް ދެ އުޅަނދު ބޭނުންކޮށްގެން ހިދުމަތް ފޯރުކޮށްދިނުމުގެ ހުއްދަ ދެވޭނެ ކަމަށެވެ. އަދި ޒަރޫރީ ބޭނުންތަކަށް އެއްތަނުން އަނެއް ތަނަށް ދާން ބޭނުންވާ މީހުންނަށް ޓެކްސީގެ ހިދުމަތް ދިނުމަށް ކޮންމެ ޓެކްސީ ސެންޓަރަކަށް 10 ހުއްދަ ދޫކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނީ މި ރެއިން ފެށިގެން ރޭގަނޑު 8:30 އިން ފަތިހު 4:30 އަށް މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާވާނެ ކަމަށެވެ. މިގޮތަށް އަމަލު ކުރުމަށް އަންގާފައިވަނީ ކުރިއަށް އޮތް ދެ ހަފްތާއަށެވެ. ނަމަވެސް ކޭސްތައް މަދު ނުވާނަމަ ދެ ހަފްތާއަށްވުރެ ގިނަ ދުވަހު މި އުސޫލު ދަމަހައްޓަން ޖެހިދާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެ އެވެ.
އޭގެ އިތުރުން ކާފިއު ގަޑި އިތުރުކޮށް، ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް ބޭރުގައި އުޅުން ވަނީ މަނާކޮށްފައެވެ. އަދި ޕްރީ ސްކޫލުތަކާއި ނާސަރީތަކާއި ޑޭ ކެއާގެ ހިދުމަތްތައްވެސް ބަންދުކުރުމަށް ވަނީ އަންގައިފައެވެ.
ސަމީރު އިތުރަށް ވިދާޅުވީ، ކާފިއު ވަގުތުގައި ވެސް ތަންތަނުގައި ސެކިއުރިޓީ ބަލަހައްޓަން ތިބޭ މުވައްޒަފުން، އެމީހުން މަސައްކަތްކުރާ ތަނުގެ ޔުނީފޯމާއި އެތަނުން ދީފައިވާ މުވައްޒަފު ކާޑު ހިފައިގެން އުޅެވޭނެ ކަމަށާއި އަދި ކާފިއު ވަގުތު އެއާޕޯޓަށް ދާން ބޭނުންވާ މީހުންނަށް ވެސް އާންމު ދަތުރުފަތުރުގެ ހިދުމަތް ބޭނުން ކުރެވޭނެ ކަމަށެވެ. ނަމަވެސް އެފަދަ މީހުންގެ އަތުގައި ފްލައިޓު ޓިކެޓް އަދި ޕާސްޕޯޓު އޮތްތޯ ބަލާނެ ކަމަށް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު