ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގައި މާދަމާ ކޮވިޑް ވެކްސިން ދޭން ފެށުމަށް ނިންމައިފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ފަރާތުން ބައިވެރިވި، ޑރ. އަހުމަދު ފައިސަލް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގައި ކޮވިޑްގެ ވެކްސިން މާދަމާ ދޭން ފަށާނެ ކަމަށެވެ.
ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފެށީ އިއްޔެއެވެ. އިއްޔެ ވަނީ މާލޭ ސަރަހައްދުގެ ފަސް ހޮސްޕިޓަލަކާއި ސޯޝަލް ސެންޓަރާއި އައްޑޫ ސިޓީ އަދި ކުޅުދުއްފުށީގައި ކޮވިޑްގެ ވެކްސިން ޖަހަން ފަށައިފައެވެ.
"އިރާދަކުރެއްވިއްޔާ މާދަމާއިން ފެށިގެން ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގައިވެސް ކޮވިޑްގެ ވެކްސިން ޖަހަމުން ގެންދާނެ. އަދި އޭގެ އިތުރުން މާލޭ ސަރަހައްދުގެ އުމުރުން 70 އަހަރުން މަތީގެ ހުރިހާ ބޭފުޅުންނަށް ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލެވިގެންދާނެ،" ޑރ. ފައިސަލް ވިދާޅުވިއެވެ.
ޑރ. ފައިސަލް ވިދާޅުވީ، ވެކްސިން ޖަހާނީ ޕޯޓަލްގައި ރަޖިސްޓްރީ ކުރާ މީހުންގެ ގަޔަށް ކަމަށެވެ. އަދި ވެކްސިން ޖަހާނީ އެޕޮއިންޓްމަންޓް ދޫކޮށްގެން ވަކި އަދަދަކަށް މީހުން ގެނެސްގެން ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގައި ޖަހަން ފަށާފައިވަނީ އޮކްސްފޯޑާއި އެސްޓްރަޒެނެކާ އިން އިންޑިއާގައި އުފައްދާ "ކޮވިޝީލްޑް" ވެކްސިނެވެ. އިންޑިއާއިން ވަނީ އެ ވެކްސިންގެ 100،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު