ސިންގަޕޫރުގެ "އެސްޓްރާޒެނެކާ ސިންގަޕޯ ޕީޓީއީ އެލްޓީޓީ" އިން ގެންނަ ހަތް ލައްކަ ޑޯޒުގެ ތެރެއިން ފުރަތަމަ ޝިޕްމަންޓު އަންނަ މަހު ރާއްޖެ ގެނެވޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މިއަދު ވެކްސިން ޖަހަން ފެށުމުން، ވެކްސިން ޖެއްސެވުމަށްފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ނަސީމު ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ވެކްސިން އެއް ފަހަރާ ގެނައުމަކީ ގޯހެއް ކަމަށެވެ. އެހެންކަމުން ވެކްސިން ގެންނާނީ ބައި ބަޔަށް ކަމަށް ވިދާޅުވި އެވެ. އެގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ކޮވެކްސް ފެސިލިޓީގެ ތެރެއިން ރާއްޖޭގެ އާބާދީގެ 20 ޕަސެންޓް މީހުންނަށް ޖެހުމަށް ލިބޭ ވެކްސިން މިމަހުގެ މެދެއްހާ ހިސާބުގައި ލިބޭނެ ކަމަށް ވިދާޅުވި އެވެ.

އެސްޓްރާޒެނެކާ ކުންފުންޏާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ގެންނަ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެނެވޭނީ ކިހާ ތާކުތޯ "ވަން" އިން ސުވާލު ދެންނެވުމުން މިނިސްޓަރު ނަސީމް ވިދާޅުވީ، ފުރަތަމަ ޝިޕްމަންޓު އަންނަ މަހުގެ ތެރޭގައި ލިބޭނެ ކަމަށެވެ. ނަމަވެސް ފުރަތަމަ ޝިޕްމަންޓުގެ ދަށުން ގެންނާނީ ކިތައް ޑޯޒު ކަމެއް އަދި ގެންނާނެ ވަކި ތާރީހެއް ވިދާޅެއް ނުވެ އެވެ.

އޮކްސްފޯޑް ޔުނިވަސިޓީ އާއި އެސްޓްރާޒެނެކާ ކުންފުނިން އުފެއްދާފައިވާ ކޮވިޑް ވެކްސިން ރާއްޖެއަށް ގަތުމަށް ނިންމައި، އެކަމާގުޅޭ ގޮތުން ސިންގަޕޫރުގެ "އެސްޓްރާޒެނެކާ ސިންގަޕޯ ޕީޓީއީ އެލްޓީޓީ" އެކު ސޮއިކުރަން ނިންމާފައިވާކަން ދިވެހި ސަރުކާރުން ހާމަކުރީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ.

އެ ވެކްސިން ހޯދުމަށްޓަކައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެދަށުން ފިނޭންސް މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން އެކަމާބެހޭ އެއްބަސްވުމުގައި ސޮއިކޮށް އެ އެއްބަސްވުން ތަންފީޒު ކުރުމަށްޓަކައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ބައެއް މާއްދާތަކަށް އަމަލުކުރަން ނުޖެހޭ ގޮތަށް ވެސް ވަނީ ނިންމައިފަ އެވެ.