ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯގެ ކޮވެކްސް ފެސިލިޓީން ރާއްޖެއަށް ލިބޭ ވެކްސިން މިމަހުގެ މެދެއްހާ ހިސާބުގައި ރާއްޖެ ގެނެވޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މިއަދު ވެކްސިން ޖަހަން ފެށުމުން، ވެކްސިން ޖެއްސެވުމަށްފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ނަސީމު ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ވެކްސިން އެއް ފަހަރާ ގެނައުމަކީ ގޯހެއް ކަމަށެވެ. އެހެންކަމުން ވެކްސިން ގެންނާނީ ބައި ބަޔަށް ކަމަށް ވިދާޅުވި އެވެ.

"(ރާއްޖޭން މިހާރު ފައިސާ ދައްކާފައިވާ) ވެކްސިން މާޗު މަހުގެ ތެރޭގައި އަންނާނެ. ޑަބްލިޔުއެޗްއޯ އިން ލިބޭ އެއްޗެހި މިމަހުގެ 14، 15 ހިސާބުގައި އަންނަން ފަށާނެ،" ނަސީމު ވިދާޅުވި އެވެ.

މިނިސްޓަރު ނަސީމު ވިދާޅުވީ، ވެކްސިންގެ ކަންތަކުގައި ހާސްވާކަށް ނުޖެހޭނެ ކަމަށާއި ރައީސްގެ ވައުދުފުޅާ އެއްގޮތަށް ރާއްޖޭގައި އުޅޭ ދިވެހިންނަށާއި ބިދޭސީންނަށް ވެސް ހިލޭ ވެކްސިން ފޯރުކޮށްދޭނެ ކަމަށެވެ.

ކޮވެކްސް ފެސިލިޓީއަކީ ކޮވިޑް 19 ވެކްސިން ދުނިޔޭގެ އާބާދީއަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން އެކުލަވާލާފައިވާ ފެސިލިޓީއެކެވެ. އެ ފެސިލިޓީގައި ރާއްޖެ ހިމެނޭހެން ދުނިޔޭގެ 171 ގައުމަކުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ފައިސާވެރި 71 ގައުމު ވެސް ހިމެނެއެވެ.

އެ ފެސިލިޓީގައި ރާއްޖެ ބައިވެރިވެފައިވުމުން ރާއްޖޭގެ އާބާދީގެ 20 ޕަސެންޓް މީހުންނަށް ޖެހުމަށް ހިލޭ ވެކްސިން ލިބޭނެ އެވެ. އަދި އޭގެ ތެރެއިން ތިން ޕަސެންޓް ހާއްސަ ކުރަން ނިންމާފައިވަނީ ކޮވިޑާ ގުޅިގެން ކުރީ ސަފުގައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިންނެވެ.

ނަމަވެސް އެ ފެސިލީން ފޯރުކޮށްދޭނީ ކޮން ވެކްސިނެއް ކަމެއް ނޭނގެ އެވެ. އެއީ އެ ފެސިލިޓީގައި ދުނިޔޭގައި ކޮވިޑާ ދެކޮޅަށް އުފައްދާ ގިނަ ވެކްސިންތަކެއް ރަޖިސްޓްރީ ކޮށްފައިވާތީ އެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އާބާދީ އަންދާޒާ އިން ދައްކާ ގޮތުގައި ރާއްޖޭގައި 557،426 މީހުން ދިރިއުޅެއެވެ. އެހެންކަމުން ރާއްޖޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ގާތްގަނޑަކަށް 111،485 މީހުންނަށް ޖެހުމަށް މި ޕްރޮގްރާމުން ވެކްސިން ހިލޭ ލިބޭނެއެވެ.