ޕްރޮސިކިއުޓާޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކުރުން ލަސްވުމުގެ ސަބަބުން، މަސްތުވާތަކެތި ދީގެން ހަތަރު މީހުން ވެގެން ކުޑަކުއްޖަކާމެދު ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ބުނާ މައްސަލައެއް ނުބަލަން ނިންމައިފިއެވެ.

މިއީ ސ. ހިތަދޫ ގްރީންފްލާވަރ އަޝްރަފް އަލީ އާއި، ބ. ގޮއިދޫ ފޮނިތޮށިމާގެ އިސްމާއީލް އާސިފް އާއި، ހުޅުމާލެ ފްލެޓް 07-1-4 ހުސައިން ޝީހާންގެ މައްޗަށް ދައުލަތުން އުފުލި ދައުވާ އެކެވެ.

މި ދައުވާގައި ބުނެފައި ވަނީ، އެ ތިން މީހުންގެ ތެރެއިން އަޝްރަފް އަލީ އެ ކުއްޖާ ގޮވައިގެން ސްކޫލަށްދިޔަ މަގުމަތީގައި އޭނާ ދިރިއުޅޭ، ހުޅުމާލެ ލޮޓް ނަންބަރު 10152 ގައި ހުންނަ ދުވަހު ކުއްޔަށްދޭ ކޮޓަރިއަށް ވައްދައި އެ ކޮޓަރި ތެރޭގައި އޭރުތިބި އިސްމާއީލް އާސިފް އާއި، ހުސައިން ޝީހާން އާއި އިތުރު މީހަކާ ބައިވެރިވެގެން އެކުއްޖާއަށް މަސްތުވާތަކެތި ދީގެން ފަހަރަކު މީހަކު އެ ކުއްޖާއާއެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގާފައިވާ ކަމަށެވެ.

ޕީޖީ އޮފިހުން މި މައްސަލަ ފުރަތަމަ ހުށަހެޅީ ކުރިމިނަލް ކޯޓަށެވެ.

އެ ކޯޓުން މައްސަލަ ބަލައި ހުކުމް އިއްވީ އެ ހަތަރު މީހުންގެ މައްޗަށް އެ ދައުވާ ސާބިތު ނުވާ ކަމަށެވެ.

ނަމަވެސް މައްސަލައިގެ، ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ނުލިބިގެން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް އޮންނަ 10 ދުވަހުގެ މުއްދަތުގައި ހައިކޯޓަށް މައްސަލަ ހުށައެއް ނޭޅުނެވެ. އެހެންކަމުން އެއީ އުޒުރެއް ކަމަށްބަލައި އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ހުއްދައަކަށް ޕީޖީ އޮފީހުން ހައި ކޯޓުގައި އެދުނެވެ. އަދި އެ ހުއްދަވެސް ހައިކޯޓުން ޕީޖީ އޮފީހަށް ދިނެވެ.

އެހުއްދަ ދިން ފަހުންވެސް ޕީޖީ އޮފީހުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ ހުއްދަ ދިންތާ 15 ދުވަސް ފަހުންނެވެ.

އެކަމާ ގުޅިގެން ހައިކޯޓުން ނިންމި ނިންމުމުުގައި ބުނެފައި ވަނީ އެ ކޯޓުގައި އެ ގަޒިއްޔާ ކުރިއަށް ގެންގޮސް އެ މައްސަލައިގައި ޕީޖީ އޮފީހުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބަލައި ގޮތެއް ކަނޑައަޅައި ހުކުމެއް އިއްވުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފް ކަމެއް ކަމަށެވެ.