ޏ. ފުވައްމުލައް ދޫނޑިގަމް/ އާސްމާންގޭ އަބްދުﷲ ޝުހާދަށް ތޫނު އެއްޗަކުން ހަމާލާދީ މަރާލި މައްސަލައިގައި އެރަށު ކަރަންކާއާގޭ/ ހަސަން ފަރީދު މަރަން ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފިއެވެ.
ޖެނުއަރީ 27، 2010 ގެ ރޭ 9:30 ހާއިރު، ފަރީދު އިތުރު ބަޔަކާއެކު ފުވައްމުލަކު ދޫނޑިގަން ބޮޑުފަންނު މަގާއި ބަހާރުމަގާ ގުޅޭ ހަތަރު އަނގޮޅިއަށް ގޮސް އެ ސަރަހައްދުގައި ހުރި ފަޅުގޭގެ ފާރުބުރި މަތީގައި ތިބި މީހުންގެ ތެރެއިން ޝުހާދުގެ މެއާ ދިމާލު ކަނާތު އަރިކައްޓަށް ފަރީދު ވަޅިން އެއްފަހަރު ހަމަލާދީފައިވާކަން ދައުލަތުން މީގެ ކުރިން ކުރިމިނަލް ކޯޓުގައި އިއްވި ދައުވާގައި ވަނީ ބުނެފައެވެ.
ކުރިމިނަލް ކޯޓުން އެ މައްސަލަ ބެލުމަށްފަހު ހުކުމް ކުރީ ފަރީދުގެ މައްޗަށް ގަސްދުގައި މިހާކު މަރާލިކަމުގެ ކުށް ސާބިތުވާ ކަމަށެވެ. އެ ހުކުމަށް ހައިކޯޓުންވެސް ވަނީ ތާއިދުކޮށްފައެވެ.
ހައިކޯޓުން އެ މައްސަލަ ބެލުމަށްފަހު ކުރި ހުކުމުގައި ބުނެފައި ވަނީ، ހެކީންގެ ބަޔާންތަކަށް ބަލައި އިރު، ޝުހާދުގެ ގަޔަށް ފަރީދު ވަޅި ހެރި މަންޒަރު ފެނުނު ކަމަށް ހަތް މީހަކު ހެކިބަސްދެމުން ބުނެފައިވާކަން އެނގޭ ކަމަށެވެ. ދައުލަތުން ޝަރީއަތަށް ހުށަހަޅާފައިވާ ޝުހާދުގެ މެޑިކޯ ލީގަލް ރިޕޯޓާއި އޭނާގެ މަރު ސާބިތުކުރި ލިޔުމާ މެދު ފަރީދު ސުވާލު އުފައްދާފައި ނުވާ ކަމަށްވެސް ބުންޏެވެ. ހާދިސާ ހިނގި ތަނަށް ފަރީދު ދިޔަ ގޮތާއި ވަޅި ހެރީ ކޮން އަތަކުންކަން ބައެއް ހެކީންނަށް ބުނެދެވިފައި ނެތް ނަމަވެސް ތަހުގީގަށް ދިން ބަޔާނުގައި ތަފުސީލުކޮށް ކަން ހިނގައިދިޔަ ގޮތް ކިޔައިދީފައި ވާނެ ކަމަށް އެމީހުން ބުނެފައިވުމަކީ، ޝުހާދު ގަޔަށް ފަރީދު ވަޅި ހެރިތަން ދުށް ކަމަށް އެމީހުން ބުނާ ބުނުން ނަފީ ކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށްވެސް ހައިކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.
އެ މައްސަލައިގައި ފަރީދު ބުނެފައިވަނީ، އޭނާއާ ދެކޮޅަށް ހެކިބަސްދީފައިވާ މީހުންގެ ތެރޭގައި މާރާމާރީގައި އަނިޔާ ލިބުނު މީހަކާއި މަރުވި ޝުހާދުގެ ތިމާގެ މީހަކުވެސް ހިމެނޭ ކަމަށެވެ. އެހެންކަމުން އެ ދެ މީހުންގެ ހެކިބަހުގައި އަދުލުވެރިކަން ގެއްލިފައިވާ ކަމަށް ފަރީދު ބުނެފައިވެއެވެ.
ނަމަވެސް ހައިކޯޓުގެ ހުކުމްގައި ވަނީ އޭނާއަށް މަރުގެ ހުކުމް އިއްވީ ހަމައެކަނި އެ ދެ މީހުންގެ ހެކިބަހަށް ރިއާޔަތްކޮށްގެން ނޫން ކަމަށާއި ޖުމުލަ ހަތް މީހަކު އޭނާއާ ދެކޮޅަށް ހެކިބަސްދީފައިވާ އިރު، އެ ހެކިބަހާ ގުޅޭ ގަރީނާތައްވެސް ދައުލަތުން ހުށަހަޅާފައިވާ ކަމަށެވެ.
މައްސަލަ ބެލުމަށްފަހު ކުރިމިނަލް ކޯޓާއި ހައިކޯޓުންވެސް ހުކުމްކުރީ ގަސްދުގައި މީހަކު މަރާލިކަމުގެ ކުށް ފަރީދުގެ މައްޗަށް ސާބިތުވެފައިވާތީ، އޭނާ މެރުމަށެވެ. ނަމަވެސް ފަރީދުގެ ފަރާތުން ހައިކޯޓުގެ ހުކުމް ސްޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަމުން ފަރީދު ބުނެފައިވަނީ ޝުހާދަށް ހަމަލާދިނީ އޭނާ ކަމަށް ބުނާ މީހުންނަކީ އަންހެން ކުއްޖަކާ ހެދި އޭނާގެ ކޮއްކޮއާ ޖެހުނު މައްސަލައެއްގައި ހަމަނުޖެހުމެއް ހިންގި ބައެއް ކަމަށެވެ. އަދި އެމީހުންނަކީ މަރުވި ޝުހާދުގެ އެކުވެރިންތަކެއް ކަމަށާއި އެމީހުން ކޮއްކޮގެ މޫނަށް ކުޅުޖެހި ކަމަށްވެސް ބުންޏެވެ. ނަމަވެސް އެ މައްސަލަ ފުލުހަށް ހުށަހެޅުމާ ގުޅޭގޮތުން ގޭ ކައިރީ ކުދިންނާ މަޝްވަރާކުރަމުން ދަނިކޮށް ޝުހާދަށް ހަމަލާދިނުމުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރި ކަމަށާއި ހައްޔަރުކުރީވެސް ގޭގައި ހުއްޓައި ކަމަށް ފަރީދު ބުނެފައިވެއެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އޮތީ މި މައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން ފަނޑިޔާރުން އޮޅުންފިލުވަންޖެހޭ ކަންތައްތައް އޮޅުންފިލުވުމެވެ. އޭގެ އިތުރުން، ދައުލަތުގެ ފަރާތުން ޕީޖީ އޮފީހުން ދެއްކި ވާހަކަތަކާ ގުޅިގެން ފަރީދުގެ ފަރާތުން ޖަވާބުދާރީވުމެވެ.
މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން މި މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދު ވިދާޅުވީ، މި މައްސަލައިގެ އަޑުއެހުންތައް ނިންމާލެއްވީ ކަމަށެވެ.
ދެން އޮންނާނީ މައްސަލަ ދިރާސާ ކުރެއްވުމަށްފަހު ހުކުމް އިއްވެވުން ކަަމަށާއި، މައްސަލަ ދިރާސާކުރަމުންދާއިރު، އިތުރުކަމެއް އޮޅުން ފިލުއްވަން ބޭނުންވެއްޖެ ނަމަ މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވަވާނެ ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ސުޕްރީމް ކޯޓް
ސުޕްރީމް ކޯޓް
ސުޕްރީމް ކޯޓް
ކޮމެންޓް