ފައިސާގެ މައްސަލައިގައި އޮޑިޓާ ޖެނެރަލް އޮފީހުގެ ވަޒީފާއިން މުހައްމަދު އަބްދުއްރައްޒާގު ވަކިކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން ވެސް ނިންމައިފި އެވެ.
މި މައްސަލައަކީ 29 އޮކްޓޫބަރު 1987 އިން ފެށިގެން އޮޑިޓާ ޖެނެރަލްގެ އޮފީހުގައި 34 އަހަރުވަންދެން ވަޒީފާ އަދާކުރި ހުޅުމާލެ ފްލެޓް މުހައްމަދު އަބްދުއްރައްޒާގު ފައިސާގެ މައްސަލައެއްގައި ވަޒީފާއިން ވަކިކުރި މައްސަލައެކެވެ.
ދެހާސް އެކާވީސް ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 އިން ފެށިގެން އޮޑިޓާ ޖެނެރަލް އޮފީހުގެ ސީނިއާ އޮފިސަރުކަމުގެ މަގާމުން އޭނާ ވަކިކުރީ، އެ އޮފީހުގެ މުވައްޒަފުންގެ ރެކްރިއޭޝަނަލް ކްލަބްގެ 44,399.90 ރުފިޔާ ގެއްލުނު މައްސަލައެއް އެ އޮފީހުގެ ހިއުމަން ރިސޯސް އެންޑް އެތިކްސް ކޮމިޓީއަށް ހުށަހެޅުމުން އެ މައްސަލަ ބެލުމަށްފަހުގައެވެ.
އެ މައްސަލައިގައި އެ އޮފީހުގެ ދެ މުވައްޒަފަކަށް ފިޔަވަޅު އެޅިއެވެ. ރައޒާގުގެ އިތުރުން ދެން ފިޔަވަޅު އެޅީ އެ އޮފީހުގެ އެސިސްޓަންޓް އޮޑިޓާ މުހައްމަދު ހަމްދޫނަށެވެ. ނަމަވެސް ވަޒީފާއިން ވަކި ކުރުމުގެ ބަދަލުގައި އޭނާއަށް އެޅީ ލިޔުމުން ނަސޭހަތް ދިނުމުގެ ފިޔަވަޅެވެ.
ވަޒީފާއިން ވަކިކުރުމުން ރައްޒާގު އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަަލަށް ހުށަހެޅިއެވެ.
އެ މައްސަލައިގައި އޭނާ ބުނެފައި ވަނީ، ވަޒީފާއިން ވަކިކުރީ މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމެއްނެތި ގާނޫނާއި ގަވާއިދާ ހިލާފަށް ބޭއިންސާފުން ކަމަށެވެ.
އެހެންކަމުން އޭނާ ވަޒީފާއިން ވަކި ކުރުމަކީ އަންފެއާ ޑިސްމިސަލްއެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށާއި، އޭނާއަކީ ވަޒީފާއިން ވަކިކޮށްފައިވާ މީހެއްކަމަށް ނުބެލުމަށާއި، ވަޒީފާ އަނބުރާ އިއާދަކޮށްދިނުމަށެވެ. އަދި ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ވަޒީފާ އިއާދަކުރާ ތާރީހާ ހަމައަށް މުސާރަ އާއި އެހެނިހެން އެލަވަންސް ތަކުގެ ގޮތުގައި ކުރިން ދެމުން ދިޔަ އުސޫލުން ފައިސާ ދޫކުރުމަށާއި ނޯޓިސް ނުދީ ވަޒީފާއިން ވަކިކޮށްފައިވާތީ ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އޮޑިޓާޖެނެރަލްގެ އޮފީހަށް އަމުރުކޮށްދިނުމަށްވެސް ވެސް ޓްރައިބިއުނަލްގައި އެދުނެވެ.
މި މައްސަލައިގައި ޓްރައިބިއުނަލުން ކަނޑައެޅީ އެފަދަ އެންގުމެއް އަންގާނެ ތަނެއް ނެތް ކަަމަށެވެ.
ނަމަވެސް އެއީ ގޯސް ނިންމުމެއް ކަމަށްބުނެ ރައްޒާގުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އޭނާ ހައިކޯޓުގައި އެދުނީ ޓްރައިބިއުނަލްގެ ނިންމުން ބާތިލުކޮށްދިނުމަށެވެ.
ނަަމަވެސް މި މައްސަލައިގައި ހައިކޯޓުން އިއްޔެ ހުކުމް ކުރީ ޓްރައިބިއުނަލްގެ ނިންމުން ބާތިލު ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށެވެ.
އިބްރާހިމް ޒަކީ
ހައިކޯޓު
ހައިކޯޓު
ހައިކޯޓު
ކޮމެންޓް