ސުޕްރީމްކޯޓުގެ ދަށުން ހިންގަމުންދިޔަ ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އުވާލައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ދަށުން އަލުން ޑީޖޭއޭ އުފެއްދުމަށް ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެނައި މާއްދާތައް އުވާލުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ މަޝްހޫރު ގާނޫނީ ވަކީލު އަލީ ޝާހުއެވެ. އޭނާ އަކީ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ވަކީލުންގެ ޓީމުގައިވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ސުޕްރީމްކޯޓުގެ ބެލުމުގެ ދަށުން ހިންގަމުންދިޔަ ޑީޖޭޖޭ އާއި އެ ޑިޕާޓްމެންޓްގެ ދަށުން ކުރިއަށް ގެންދިޔަ ޖުޑީޝަލް އެކަޑަމީ އުވާލުމަށް ޖޭއެސްސީގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން އިސްލާހު ގެނައީ 21 އޯގަސްޓް 2019ގައެވެ.
އެގާނޫނަށް ގެނައި ދެވަނަ އިސްލާހުގެ ގޮތުގައި އެ ބިލު މަޖިލީހުން ފާސްކޮށްފައި ވަނީ ބިލު ތަސްދީގު ކޮށް އެއަށް އަމަލުކުރަން ފެށުމައެކު އޭރު އޮތް ޑީޖޭއޭ އާއި ޖުޑީޝަލް އެކަޑަމީ އުވޭ ގޮތަށެވެ. ހަމަ އެއާއެކު ޖޭއެސްސީގެ ދަށުގައި އާ ޑީޖޭއޭއެއް އުފެދި، ކުރީގެ ޑިޕާޓްމަންޓުގައި ހިމެނުނު ހުރިހާ ތަކެއްޗާއި މުވައްޒަފުންގެ އިތުރުން ޖުޑީޝަލް އެކަޑަމީގެ ހުރިހާ ކަމެއްވެސް އާ ޑީޖޭއޭގެ ދަށަށް ދާގޮތަށް އިސްލާހުގައި ކަނޑައަޅާފައި ވެއެވެ.
އެހެންކަމުން މިހާރު އޮތް ޑީޖޭއޭ ހިންގަމުން އަންނަނީ ގާނޫނުގައި މިހާރު ބުނެފައިވާ ގޮތަށް ޖޭއެސްސީގެ ދަށުންނެވެ.
ސުޕްރީމް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ކުރާ މި ދައުވާ ހުށަހަޅުއްވަމުން އަލީ ޝާހު ވިދާޅުވީ ރާއްޖޭގައި އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރު ލިބިގެންވަނީ ސުޕްރީމް ކޯޓަށް ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާއިރު ޑީޖޭއޭ ސުޕްރީމް ކޯޓުގެ ދަށުން ވަކިކޮށް ޖޭއެސްސީގެ ދަށަށް ދާގޮތަށް ގެނެސްފައިވާ އިސްލާހަކި ގާނޫނާހިލާފު އިސްލާހެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އެ ނިންމުމުގެ ސަބަބުން ކޯޓުތަކުގެ މިނިވަންކަން ގެއްލި ފަނޑިޔާރުންގެ މިނިވަން ކަމަށް ބުރޫއަރައި ޖޭއެއްސީގެ މިނިވަކަން ގެއްލި ކޯޓުތަކުގެ އިދާރީ ކަންތައްތައް ބޮއްސުންލަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން އަދުލުއިންސާފު ގާއިމު ކުރުމުގެ ބާރުގެ މިނިވަން ކަމާއި މުސްތަގިއްލުކަން ގެއްލެމުންދާ ކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
އަލީ ޝާހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ގާނޫނަށް އެ އިސްލާހު ގެންނަން ކުރިއަށް ގެންދިޔަ ބަހުސްގައިވެސް ޖޭއެސްސީގެ ދަށަށް ޑީޖޭއޭ ގެންދަން ޖެހޭ ސަބަބުތަކާ ބެހޭގޮތުން އިިލްމީ އަދި ގާނޫނީ ހުއްޖަތްތަކެއް އެއްވެސް ފަރާތަކުން ބަޔާންކޮށްފައި ނުވާ ކަމަށެވެ. އަލީ ޝާހު ހުށަހެޅުއްވި ސިދާ މައްސަލައިގެ މައުލޫއަށް ދައުލަތުން ޖަވާބު ދެއްވާފައި ނުވާ ކަމަށާއި ހުށަހަޅާފައި އޮތީ އިޖުރާއީ އިއުތިރާޒެއް ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ޖޭއެސްސީގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލުގައި ޑީޖޭއޭއާބެހޭ މާއްދާތައް ހިމެނޭ އެ ބިލުގެ 121 ވަނަ މާއްދާ އާއި 13 ވަނަ މާއްދާ އާއި 14 ވަނަ މާއްދާ އަކީ ގާނޫނާ ހިލާފު މާއްދާތަކެއް ކަަމަށް ކަނޑައަޅާއި އެ މާއްދާތައް އުވާލުމަށް އޭނާ ސުޕްރީމް ކޯޓަށް ހުށަހެޅުއްވިއެވެ.
އަލީ ޝާހު ހުށަހެޅުއްވި ދައުވާއަށް ރައްދު ދެއްވައި ދައުލަތުގެ ފަރާތުން އެޓާނީ ޖެނެރަލް އޮފީހުގެ ސީނިއާ ސްޓޭޓް އެޓާނީ އަހުމަދު ނަޝާތު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއް ނުވަތަ ގާނޫނަކުން ބައެއްވިޔަސް ގާނޫނުއަސާސީއާ ހިލާފުވޭތޯ ބަލައި ގޮތް ނިމުމުގެ ބާރު ލިބިގެންވަނީ ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ކަމަށް ގާނޫނުއަސާސީގައި ބުނެފައިވީ ނަމަވެސް އެފަދަ މައްސަލަތައް ހައިކޯޓާއި ސުޕްރީމް ކޯޓުން ބެލުމުގެ އިހުތިސާސް ކޯޓުތަކުގެ ގާނޫނުގައި ކަނޑައަޅާފައިވާ ކަމަށެވެ.
އެެގޮތުން ސުޕްރީމް ކޯޓަށް ލިބިގެންވާ އަސްލީ އިހުތިސާސްތަކުގެ ތެރޭގައި ހިމެނެނީ ގައުމު ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ ނުވަތަ ދުސްތޫތީ ހުސްކަމަކުން ބޭރުވެދާނެ ފަދަ ގާނޫނީ ސަބަބުތަކެއް ހިމެނޭ މައްސަލަތައް ކަމަށާއި ނުވަތަ އެ މައްސަލައަކީ ދައުލަތުގެ ދެ މުއައްސަސައެއްގެ ދެމެދުގައި ނުވަތަ ދެ ބާރެއްގެ ދެމެދުގައި ގާނޫނުއަސާސީ މާނަކުރުމާ ބެހޭގޮތުން އުފެދިފައިވާ މައްސަލަތައް ނުވަތަ ގައުމުގެ އާއްމު މަސްލަހަތާ ގުޅިފައިވާ މައްސަލަތައް ކަމަށް އޭނާ ވިދާޅުވިއެވެ.
ހައިކޯޓުގެ އަސްލީ އިހުތިސާސްގެ ތެރޭގައި ހިމެނެނީ ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ގާނޫނުއަސާސީއާ ތައާރަޒުވާ މައްސަލަތައް، ނުވަތަ ގާނޫނަކުން ބާރުލިބިގެންވާ ގަވާއިދެއް ނުވަތަ ގާވާއިދެއްގެ ބައެއް ގާނޫނުއަސާސީއާ ތައާރަޒުވާ މައްސަލަތައް ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން އަލީ ޝާހު ހުށަހަޅުއްވާފައިވާ މައްސަލަކީ ސުޕްރީމް ކޯޓުގެ އިހުތިސާސް ތެރޭގައި ހިމެނޭ މައްސަލައެއް ނޫން ކަމުން އެ މައްސަލައަކީ ސުޕްރީމްކޯޓުގައި ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫންކަމަށް ސުޕްރީމް ކޯޓުން ކަނޑައަަޅުއްވައި ދެއްވުމަށް އަހުމަދު ނަޝާތު އެދިވަޑައިގެންނެވިއެވެ.
ސުޕްރީމް ކޯޓް