އެއްވެސް މީހެއްގެ އަތްދަށުނުވެ، އެއްވެސް މީހެއްގެ އަތުން ރިޝަވަތު ނުނަގައި ވިޔަފާރިވެރިއެއްގެ އަތްދަށު ވެސް ނުވެ އުޅެވޭވަރުގެ ތަނަވަސްކަން، ފަނޑިޔާރުންނަށް ހޯދައި ދޭން ޖެހޭ ކަމަށް ރައްިޔތުންގެ މަޖިލީހުގެ ނައިބު ރައީސް، އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށް މިއަދު މަޖިލިސް ތަޅުމަށް ހުށަހެޅި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، އުއްތަމަ ފަނޑިޔާރަށް މިއަދު ބޮޑުކުރި 95،000 ރުފިޔާ އަކީވެސް ކުޑަ މުސާރައެއް ކަމަށެވެ.

ކޯޓުތަކުން ނިންމާ ނިންމުންތައް އެންމެ އިންސާފުވެރި ގޮތުގައި ނިންމުމަށްޓަކައި ވެސް އެ ފަރާތްތަކުގެ މުސާރަ ބޮޑުކުރަންޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މި ފެންނަނީ ހުރިހާ ދިމާއަކުންވެސް ރިޝަވަތާ އެއްޗެހި ދީގެން މައްސަލަތައް ބަދަލުކޮށްލަން ކުރާ މަސައްކަތް، އެމަސައްކަތް އެމީހުންނަށް ނުކޮށް ތިބެވޭނީ އެމީހުންނަށް އެމީހުންގެ ދިރިއުޅުމަށް ބޭނުންވާ މިންވަރަށް ފައިސާ ދީގެން، އެހެން ނޫން ގޮތެއްގައިނަމަ އަބަދުވެސް މިހާލަތު ކުރިމަތިވާނެ އެންމެ އިންސާފުވެރިކަމާއެކު ޝަރީއަތްތަކެއް ނުހިންގާނެ،"

އާއްމު އުސޫލުން ސަލީމް ވިދާޅުވީ، އުމަރުގެފާނުގެ ޒަމާނުގައި އެކަލޭގެފާނުގެ މުސާރަފުޅު ހަމަޖެއްސެވީ ފަސްހާސް ދީނާރަށް ކަމަށާއި ދެން އިސް މީހަކަށް ނެންގެވި ގާޒީ ކަމަށެވެ. އެގޮތުން އެކަލޭގެ ފާނާ އެއްވަރުގެ މުސާރަފުޅެއް ގާޒީއަށް ދެއްވި ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ، އެއްވެސް ނުފޫޒެއް ނެތި މައްސަލަތަކުގެ ހުކުމަށް ވާސިލުވުމަށް އެކަންކަން ފަނޑިޔާރުންނަށް ކޮށްދޭންޖެހޭ ކަަމަށެވެ.