ރިޕޯޓް

ދަނޑުގައި ވެސް، ބޯޓުގައި ވެސް، ވިއްކަން ވެސް އެ މީހުން!

އަހުމަދު ސާއިލް އަލީ

4

ލޯކަލް މާރުކޭޓުގައި ސޭޓުންގެ ގޮތުގައި މިހާރު ދިވެހީން ތިބޭތީ އެ ވިޔަފާރި މިހާރު ދިވެހީންނަށް ލިބުނީ ކަމަށް ހީވެދާ އެވެ. ނަމަވެސް އެއީ ވަރަށް ބޮޑު ކުށްހީއެކެވެ. ދިވެހީން ތިބީ ބޭރަށް ފެންނާންށެވެ. އަދިވެސް އެ ވިޔަފާރި ކޮންޓްރޯލްކޮށް ނަފާ ނަގަމުން ދަނީ ބިދޭސީންނެވެ. ދިވެހި ދަނޑުވެރިކަމާއި އެ ވިޔަފާރިއަށް ބިދޭސީން އަތްގަދަ ކޮށްފައިވަނީ ވަރަށް ވެސް ބޮޑަށެވެ.

މިރުސް ނޫން ރާއްޖޭގެ ދަނޑުވެރިކަމުގެ އެހެން ގިނަ ބާވާތްތައް އެންމެ ގިނައިން އުފައްދާ ރަށަކީ އއ. ތޮއްޑޫ އެވެ. މިރުސް ތ. ކަނޑޫދޫން ކޮންޓްރޯލް ކުރާއިރު ކ. ކާށިދޫ އާއި ލ. ގަމުން އަދި ބައެއް އެހެން ރަށްރަށުން ވެސް ދަނޑުވެރިކަމުގެ ގިނަ ބާވަތްތަކެއް މާލޭގެ ބާޒާރަށް ގެނެ އެވެ. އެ ހުރިހާ ރަށެއްގެ ދަނޑުތަކުގައި ވެސް މުޅިންހެން މަސައްކަތް ކުރަން ތިބީ ބިދޭސީންނެވެ. މަދުން ނޫނީ ދިވެއްސަކު މަސައްކަތުގައި ނޫޅެ އެވެ.

ދަނޑުތަކުގައި ބިދޭސީން ތިބޭއިރު އެ ދަނޑުތަކުން ލިބޭ ތަކެތި މާލެއަށް ވިއްކުމާ ހަވާލުވެ ތިބެނީ ވެސް ބިދޭސީންނެވެ. ދަނޑުތަކުން ލިބޭ މުދާ މާލެ ފޮނުވުމުގެ ހުރިހާ ކަމެއްކޮށް ބޯޓް ފަހަރާ ހަވާލު ކުރަނީ ބިދޭސީންނެވެ. ގިނަ ބޯޓު ފަހަރުގައި ފަޅުވެރިންގެ ގޮތުގައި ބިދޭސީން ތިބޭއިރު މާލެއަށް ތަކެތި ގެނެސް ގަނޑުކޮށް ވިއްކުމާ ބޯޓު ފަހަރުގައި ތިބޭ ބިދޭސީން ހަވާލުވެ އެވެ. ބޯޓު ފަހަރުގައި މާލެއަށް ތަކެތި ގެންނައިރު އެ ބޯޓު ފަހަރުގައި ތިބޭ ބިދޭސީންނާއި މާލޭގައި މި ވިޔަފާރީގައި އުޅޭ ބިދޭސީންނާ އޮންނަނީ ގުޅިފަ އެވެ. އެހެންވެ ކޮންމެ ރަށަކުން ވެސް މުދާ ގެނައުމުގެ ކުރިން މާލޭގައި ތިބޭ ބިދޭސީ ވިޔަފާރިވެރިންނަށް މުދާތައް ހުންނަނީ ގަނޑުކޮށް ވިއްކާފަ އެވެ.

"ތޮއްޑޫ ދޯނި ދަށަށް، ކާށިދޫ ދޯނި ދަށަށް، މާމިގިލީ ދޯނި ދަށަށް މުޅިންހެން ދާނީ ބިދޭސީ މީހާ. އެ މީހުން ތިބޭނީ ދޯނިން އަންނަ ބިދޭސީ މީހާއާ ގުޅިފައި. އެހެންވެ އެމީހުންނަށް އެނގޭނެ މިވެނި ދޯންޏަކުން މިވެނި އެއްޗެއް އަންނަކަން. އެހެންވެ ކުރިއާލާ ބޭނުންވާ އެއްޗެހި ހުންނާނީ ގަނެފަ. ދިވެހި ވިޔަފާރިވެރިޔާ އެއްޗެހި ގަންނަން އަންނައިރު ބޭނުން ހުރިހާ އެއްޗެއް ހުންނާނީ ގަނެ ނިންމާފަ،" މާލޭ ދަތުރުވެރިންގެ މާރުކޭޓުގައި ވިޔަފާރި ކުރާ ދިވެއްސަކު ކަން ހިނގާ ގޮތް ކިޔައިދިނެވެ.

"އެއް ބިދޭސީ މީހާ އަނެއް ބިދޭސީ މީހާއަށް. އެހެން ގޮސް މުދާ ދިވެއްސަކަށް ލިބޭއިރު އެ ކޮންމެ އެއްޗެއް ހަ އެއްކަ ބިދޭސީންގެ އަތްމަތިން ގޮސް އޮންނާނީ. އޭގެން ކޮންމެ މީހެއް ކަޓެއް ނަގާނެތާ. ދެން އެއްޗެހީގެ އަގަށް އަންނާނެ ބަދަލު ވިސްނާ!."

ބިދޭސީން ދަނޑުވެރިކަމުގެ ވިޔަފާރި ވަރަށް ބޮޑަށް ކޮންޓްރޯލް ކުރަން ފުރުސަތު ލިބޭ އެހެން ސަބަބެއް ވެސް އޮވެ އެވެ. އެއީ ބިދޭސީ މީހާ ތަކެތި ގަނެފައި ދަނޑުގެ ވެރިޔާއަށް އަވަހަށް ފައިސާ ދޭ އުސޫލުން ބައެއް ދިވެހީން ފައިސާ ނުދިނުމެވެ. ދިވެހި ބައެއް ވިޔަފާރިވެރިންގެ އަތުން ފައިސާ ހޯދަން އުނދަގޫވުމެވެ.

"ތޮއްޑޫގައި ވެސް މިވާގޮތަކީ އެ ރަށު ބައެއް މީހުން މުދާ ގަނެފައި ލާރި ނުދެނީ. އެކަމަކު ގިނަ ބަންގާޅީން ބަރާބަރަށް ލާރި ދޭނެ. އެހެން ވީމަ މުދާވެސް ދޭނީ ލާރިދޭ މީހަކަށްތާ.. އެ ވެސް ބިދޭސީންނަށް މި ވިޔަފާރި ކޮންޓްރޯލް ކުރެވޭ ސަބަބެއް،" އެހެން ދިވެހި ވިޔަފާރިވެރިޔަކު ބުންޏެވެ.

މާލޭ ސިޓީ ކައުންސިލުން މާލޭގެ ލޯކަލް މާރުކޭޓުގެ ގޮޅިތައް މިފަހުން ދޫކުރީ ސޭޓުންގެ ގޮތުގައި ބިދޭސީން ތިބުން މަނާކޮށްފަ އެވެ. ނަމަވެސް އަދިވެސް މަކަރުގެ ތެރެއިން ގިނަ ގޮޅިތައް ކޮންޓްރޯލް ކުރަނީ ބިދޭސީންނެވެ. ބިދޭސީން އުޅެނީ ބޮޑުއަގުގައި ދިވެހީންގެ އަތުން ގޮޅިތައް ކުއްޔަށް ނަގައިގެންނެވެ. ސޭޓުންގެ ގޮތުގައި ދުވަހު މުސާރައަށް ތިބެނީ ދިވެހިން ބައިތިއްބައިފަ އެވެ. މިހާރުވެސް ގިނަ ގޮޅިތަކަށް މުދާ ގެނައުމާއި އެތަކެތި ވިއްކާނެ އަގު ކަނޑައަޅަނީ ބިދޭސީންނެވެ. އަދި ވިއްކައިގެން ލިބޭ ހުރިހާ ފައިދާއެއް ވެސް ބިދޭސީންނަށެވެ. ދިވެއްސަކު ސޭޓަކަށް ބަހައްޓާފައި ހުންނަނީ ގަވައިދުގައި އެހެން ބުނާތީ ދައްކާލުމަށެވެ.

"މިހާރު ވެސް މާރުކޭޓުން ދައްކަފާނަން ބިދޭސީން ހިންގާ 20 ނޫނީ 30 ގޮޅި. ހަމަ ނަމެއްގައި ސޭޓުންނަށް ދިވެހިން ތިބޭނީ. މުޅި ވިޔަފާރި ކޮންޓްރޯލް ކުރަނީ ބަންގާޅީން. ގޮޅިއަށް 2،000ރ. ގެ ކުއްޔެއް ދައްކަން ޖެހޭއިރު ދިވެހި މީހާއަތުން ބަންގާޅި މީހާ އެތަންތަން ކުއްޔަށް ނަގާފައި ހުންނަނީ 5،000ރ. އަށް ނޫނީ 6،000ރ އަށް. ދެން ދިވެހި ސޭޓެއް ބަހައްޓަނީ 250ރ. އަށް ނޫނީ 300ރ. ގެ ދުވަހު މުސާރައެއް ދީފައި،" ދިވެހި ވިޔަފާރިވެރިޔާ ބުންޏެވެ.

"ބިދޭސީންނަށް އެހީތެރިންގެ ގޮތުގައި ތިބެވޭ އަދި ވެސް. އެކަމަކު އެހީއެއް ނޫން ވަނީއެއް. ވިއްކާ ރޭޓް ކަނޑައަޅާނީ އެ ބިދޭސީން. މުދާ ހޯދާނީ ވެސް އެ ބިދޭސީން. ޑިސްކައުންޓް ދޭ ވަރު ވެސް ކަނޑައަޅާނީ އެ ބިދޭސީން. އެހެންވީމައި އެބަ އެނގެ އެއްނު އެކަން އެކަނީ ކޮން ބައެއްކަން." ވިޔަފާރިވެރިޔާ ބުންޏެވެ.

ލޯކަލް މާރުކޭޓްތަކުގައި ބިދޭސީން ތިބުން މަނާ ކުރި ހިސާބުން މުޅި މާލެ އާއި ހުޅުމާލެ ތެރޭގައި ވެސް އެތައް ލޯކަލް މާރުކޭޓެއް ވަނީ ހުޅުވައިފަ އެވެ. އޭގެން ގިނަ ތަންތަނަކީ ބިދޭސީން ކޮންޓްރޯލް ކުރާ ތަންތަނެވެ. ގުޅިފައި ހުންނަ ރޫޓުން މުދާ ހޯދަން ބިދޭސީންނަށް ފަސޭހަވުމާއެކު ރަށުތެރޭ ހިންގާ މާރުކޭޓާއެކު ލޯކަލް މާރުކޭޓްގެ ޑިމާންޑް ވަނީ ދަށްވެފަ އެވެ.

ދިވެހިން ސޭޓުންގެ ގޮތުގައި ލޯކަލް މާރުކޭޓުން ފެންނަން ތިބި ނަމަވެސް އޭގައި މާ ބޮޑު އުފަލެއް ނެތެވެ. ދަނޑުވެރިކަމުގެ ބާވަތްތައް އުފެއްދުމާއި އެތަކެތި މާލެ ގެނައުމާއި މާލޭ ބާޒާރުގައި ވިއްކުމުގައި ވެސް އިސްކޮށް ތިބީ ބިދޭސީންނެވެ. އެހެންވެ ދަނޑުވެރިކަމުގެ ދާއިރާއިން ބޮޑު ނަފާ އަދިވެސް އޮތީ ބިދޭސީންގެ އަތުގަ އެވެ.